Last Updated: June 9, 13:15
Tuesday, June 9, 2026
ޚަބަރު

ރައީސް ފައިސާ ހޯދާ ގޮތެއް ނޭނގޭ، މިތިބީ އަޖައިބުވެފައި: ފަލާހް

ރައީސް އަބްދުﷲ ޔާމީން ފައިސާ ހޯއްދަވާ ގޮތެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވެފައި ވަނީ ކުރިން ވަގުތީ މިސްކިތެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައި ހުޅުވާފައިވާ "ރުމާލު2" ޖަގަހައިގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ފައިސާ ހޯއްދަވާ ގޮތް އެނގިވަޑައި ނުގަންނަވާތީ އެބޭފުޅުން ތިއްބެވީ އަޖައިބުވެ ވަޑައިގެންފައި ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ އިނގޭތޯ އަޅުގަނޑުމެންގެ މި އިއްޒަތްތެރި ރަައީސް ފައިސާ މި ހޯއްދަވާ ގޮތެއް ވެސް. ކިހާ މަސައްކަތެއްތޯ މިކުރައްވަނީ. އަޅުގަނޑުމެން މިތިބީ އަޖައިބުވެފައި"

ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ފަލާހު ވިދާޅުވީ މަޖިލީހުން 27 ބިލިއަން ބަޖެޓް ފާސްކޮށްދެއްވުމުން ރައީސް ޔާމީން ރާއްޖޭގެ ތަރައްޤީގަ 30 ބިލިއަންގެ މަސައްކަތް އެބަކުރައްވާ ކަމަށެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތުގެ އަގު ބޮޑުކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ އަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ އެއީ "މީހުން މޮޔަ ހައްދަން ދައްކާ ވާހަކައެއް" ކަމަށެވެ. އަދި 25 ބުރީގެ އިމާރާތެއް 40 މިލިއަނަށް އެޅޭނީ "ފަނުން ކަމަށް" ފަލާހް ވިދާޅުވިއެވެ.