Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

އެމްޑީޕީ ވެރިކަމުގައި މަހެއް ވެސް ނުބޭނޭ: ފަލާހު

އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ދިވެހިރާއްޖޭގެ ކަނޑުތަކުން މަހެއް ވެސް ނުބޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ކުރިން ވަގުތީ މިސްކިތެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައި ހުޅުވާފައިވާ ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ވެރިކަމުގައި މަސްވެރިންވެސް ބަނޑަށް ޖެހުނު ކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރުގައި ދޯނި ފަހަރު ބަންނަން އުޅުނު މީހުނަށް ދޯންޏެއް ބަންނަން ނުލިބިގެން ފަހުން އުޅުނީ ލޮނުމަސް އަޅަން ކަމަށެވެ.

"މަހެއް ވެސް ނުގަނޭ. މަހެއް ވެސް އޭރު ނުގަނޭ. މަސްވެރިންވެސް ބަނޑަށް ޖެހުނު"،

ނަޝީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އެބޭފުޅާއަށް ރަނގަޅީ ޖަލުގައި އޮންނަވަން ކަމަށާއި، އެމްޑިޕީގެ ވެރިކަމެއްގައި އެބޭފުޅާ ކުރައްވާނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ.

" ނަޝީދަށް ނޫނިއްޔާ ނުވަތަ އެމްޑީޕީއަށް ވެރިކަން ލިބިއްޖެއްޔާ ގައިމުވެސް އަޅުގަނޑަށް ރަނގަޅީ ޖަލުގައި އޮތުން. ދޫކޮށްލާފައި ހުރިއްޔާ ކާކަށް ނުލިބޭނެ ވިއްޔާ. ކުރާނެ މަސައްކަތެއް ނޯންނާނެ ވިއްޔާ."

ފަލާހު ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް "ހޮޅިވަޅުލާވަރުން ބިމުގެ އަޑީގައި އުޅޭ ސޫފިތަކަށްވެސް މިހާރު ނޫޅޭވޭ" ކަމަށާއި އިމާރާތްތައް އަރާލެއް މަތިކަމުން އައިޖީއެމްއެޗް އާ ދިމާލުގައި އުޅޭ ކާޅުތައްވެސް އުޅެނީ ބިރުން ކަމަށެވެ.