ރައްޔިތުން ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް މީހަކު އައްޔަން ކުރުމަށްފަހު، ދެންވީ ގެއަށް ގޮސް ނިދާކަށް ނޫން ކަމަށާއި އެ ރައީސް މީހާ ޒިންމާދާރުކުރުވުމަކީ ޚުދު ރައްޔިތު މިހާގެ ޒިންމާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވެފައިވަނީ ރައްޔިތުން އިންތިޚާބުކުރާ ފަރާތްތަކަކީ ރައްޔިތުންގެ ޚާދިމުން ކަމަށެވެ. އެމީހުންނަށް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި އެހެންކަމުން އެމީހުން ރައްޔިތުންނަށް ޚިދުމަތް ކުރޭތޯ ބެލުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
"ރައްޔިތުން އަބަދު ތިބެންޖެހޭނީ ހޭލާ. އެބޭފުޅުންނަށް އެ ލިބޭ މުސާރައަކީ އަޅުގަނޑުމެންގެ ފައިސާއިން ދޭ މުސާރައެއް. އެބޭފުޅުން އެ ކުރައްވާ މަސައްކަތަކީ އަޅުގަނޑުމެން އެބޭފުޅުންނާއި ހަވާލުކުރި މަސައްކަތެއް. އެބޭފުޅުންނަކީ އަޅުގަޑުމެންގެ ޚާދިމުން. އަޅުގަނޑުމެންގެ ނޯކިރީން. އެހެންވީމަ އަޅުގަނޑުމެންގެ ގޭގަ ނޯކިރީ އަދާކުރާ މީހާއަށް އަޅުގަނޑުމެން މުސާރަ ދީފަ ކަންތައް ހަވާލުކުރީމަ، އޭނަ އެކަންތައް ކުރަނީ ރަނގަޅަށްތޯ ނުބައިކޮށްތޯ އަޅުގަނޑުމެން ބަލާނެ. ބަލަން މަޖުބޫރުވާނެ. ހަމައެގޮތަށް ރައްޔިތުންނަށް ޖެހޭނެ ރައްޔިތުން އިންތިޚާބު ކުރި މީހުން އެކަންތައް އެ ކުރަނީ ރައްޔިތުން އެދޭގޮތަށްތޯ. އެހެން ނޫން ކަމަށްވެއްޖެއްޔާ މަގަށް އަޅުވަން ޖެހޭނެ"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް ރޭ މައުމޫންގެ ވާހަކަފުޅުގައި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ޚާއްސަކޮށް މަޖިލީހަށް އިންތިޚާބުވުމުން ވިޔަފާރި ފަށާ، ނުވަތަ ވިޔަފާރި ކުރިއަރުވާ މުއްސަނދިވެ އެމެމްބަރުން ބޮޑެތި މަހުޖަނުންނަށް ވާއިރުވެސް ރައްޔިތުންނަށް އޭގެއިން ކުރާ ފައިދާއެއް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުން ނެރުނު ހުކުމް އެބޭފުޅުންނަށް ފެނުނު ގޮތަކަށް މާނަ ކުރައްވައި، ހަތަރު މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފައިވާތީ މައުމޫން ވަނީ ރައްޔިތުން ނިކުމެ އެކަން ހުއްޓުވުމަށްވެސް ގޮވާލާފައެވެ.