މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބާ ދޯންޏެއް ނުއަގުގައި ގަތް މައްސަލަ ބަލައި، ދައުވާ ކުރުމަށް އަމިއްލަ ފަރާތަކުން ޕީޖީ އޮފީހަށް މައްސަލަ ހުށައަޅައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްޕީއެލުން ބާ ދޯނި ނުއަގުގައި ގަތް މައްސަލަ ބަލައި، ނެރުނު ރިޕޯޓުގައި މާލެއާއި ތިލަފުށްޓާ ދެމެދު ފެރީ ދުއްވުމަށް އެމްޕީއެލުން 3,710,000.00 ރުފިޔާއަށް ދޯންޏެއް ގަނެފައިވާ ކަމަށެވެ.
އަދި ކުންފުނިން ދޯނި ގަނެފައިވަނީ އޮންނަ އުސޫލާ ޚިލާފަށް ބިޑު ކުރުމެއް ނެތި ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެން ކަމަށް އޭސީސީ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ދޯނި ގަތުމަށްފަހު އެމްޕީއެލްގެ ޚަރަދުގައި ދޯނި މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ތިލަފުށީގައި މަސައްކަތް ކުރަމުންދާ މިދޯންޏަކީ ބަލާބެލުމަށް ބާ ދޯންޏެއް ކަމަށް ފާހަގަކުރެވޭ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ދޯނި ގަތުމަށްފަހު އޭގެ މަރާމާތަށް މިހާތަނަށް ޖުމުލަ 461,512.02 ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
ދޯނީގެ އިންސްޕެކްޝަން މަރުހަލާގައިވެސް އިންސްޕެކްޓު ކުރުމަށް ދިޔަ ފަރާތުން އިހުމާލުވެފައިވާ ކަމަށާއި ދޯނި ގަނެފައިވަނީ ރަނގަޅަށް އިންސްޕެކްޓު ނުކޮށް ކަމަށް އޭސީސީއިން ބުނެފައިވެއެވެ.
އެމްޕީއެލްއިން ބާ ދޯންޏެއް ނުއަގުގައި ގަތް ވާހަކަ މީޑިޔާގައި ދެކެވުމުން އޭރު ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނެއިދު ވަނީ އެއީ ބާ ދޯންޏެއް ނޫން ކަމަށްބުނެ ކުންފުނީގެ ނިންމުން ދިފާއުކޮށްފައެވެ. ޖުނެއިދު ބުނެފައިވަނީ ދޯނި ގަނެފައިވަނީ ކުންފުނީގެ މުވައްޒަފުން ދަތުރުކުރުމަށް ދޯންޏެއް ބޭނުންވާތީ ކަމަށާއި އެއީ ބަޔަކު ކުންފުންޏާއި ސަރުކާރުގެ އަގު ވައްޓާލުމަށް ކުރަމުންދާ މަސައްކަތުގައި ފަތުރާފައިވާ ދޮގު ވާހަކައެއް ކަމަށެވެ.