ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ފަރާތުން ފަހަކަށް އައިސް ވަރަށް އާދަޔާ ޚިލާފް ކަންތައް ފެނިގެން ގޮސްފައިވެއެވެ. މީގެ ތެރެއިން ވެސް މަޖިލިސް މެންބަރުން ތިއްބެވީ "ހަ ކުޅި ކުރީގައި" ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެެވެ.
ރައްޔިތުން މިގޮތަށް ބުނަމުން ދަނީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. މަޖިލީހުގެ އިދާރާގެ ތެރޭގައި ކުކުޅު ބިހާއި ކަރާޓީ ކިކުތަކާއި އަވަގުރާނަ ގޮވައި މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދީ ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ވަނީ ހިންގާފައެވެ.
"ހަ ކުޅި ކުރީގައި" ތިއްބެވި މަޖިލިސް މެންބަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މެންބަރަކީ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ގާރީ ރަޝީދު) އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި އިރު ގާރީ ރަޝީދުގެ ސޮއި ވެސް ހިމެނުނެވެ. ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މަސީހު އާއި ދެކޮޅަށް ސޮއި ކުރެއްވުމުން ގާރީ ރަޝީދަށް ޕާޓީގެ ތެރެއިން ޕްރެޝަރާއި ކުރިމަތިލާން ޖެހުނެވެ.
އެ ޕްރެޝަރުތަކަށް "ކެތްނުކުރެވިގެން" އެންމެ ފަހުން ގާރީ ރަޝީދު ވަނީ، މަސީހު އާއި ދެކޮޅަށް ސޮއި ކުރައްވާފައި ނުވާ ކަމަށާއި، އެއީ "ފޯޖް ކޮށްފައިވާ ސޮޔެއް" ކަމަށެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހުގެ އިދާރާގައި ގާރީ ރަޝީދު ވަނީ އެދަވަޑައިގެންފައެވެ.
"އަޅުގަނޑުގެ ނަމުގައި އެބަޔާނުގައި ކޮށްފައިވާ ސޮޔަކީ ސައްހަ ސޮޔެއް ނޫން ކަމުގައި ދަންނަވަމެވެ. ވީމާ އެ މައްސަލަ ވީހާ އަވަހަކަށް ބައްލަވައި ދެއްވައި އެކަން ކޮށްފައިވާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ،" މަޖިލީހުގެ ރައީސަށް ގާރީ ރަޝީދު ފޮނުއްވި ސިޓީގައި ވެއެވެ.
އެހެން ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން، ޖުލައި މަހުގެ 11 ވަނަ ދުވަހު ގާރީ ރަޝީދު ވަނީ މަސީހު އާއި ދެކޮޅަށް ސޮއިކުރެއްވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެއާއި އެކު ގާރީ ރަޝީދު ވެގެން ގޮސްފައި މިވަނީ، އަމިއްލަފުޅު ސޮއި ފޯޖް ކުރައްވައި ނުވިތާކަށް މައްސަލަ ބަލައިދިނުމަށް މަޖިލީހުގައި ވެސް އެދިވަޑައިގެންނެވި މެންބަރަށެވެ.
މި ހިސާބުން ގާރީ ރަޝީދުގެ "އިތުރުފުޅުތަކުގެ ސިލްސިލާ" ނިމުނީ އެއް ނޫނެވެ. އޭގެ ފަހުން ޕޮލިހަށް ވަޑައިގެން ގާރީ ރަޝީދު ވަނީ މަސީހު އާއި ދެކޮޅަށް ސޮއިކުރެއްވީ ރިޝްވަތު ދީގެން ކަމަށް ވިދާޅުވެފައެވެ.
ގާރީ ރަޝީދު ޕޮލިހަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާރިސް މައުމޫނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި އެބޭފުޅާގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ވަނީ އުފުލާފައެވެ.