Last Updated: March 29, 17:30
Friday, March 29, 2024
ކޮލަމް

މަކުނު ފިނދުން ވާ ހުހެއް ނުވާނެއެވެ. ދީދީގެ އަނގައިން ބަސް ހުހެއް ނުވާނެއެވެ.

މީހަކު ބުނާ ކޮންމެ އެއްޗަކަށް އެއްޗެއް ބުނެ ދޫނުކޮށް ޒުވާބުކުރާން ފެށީމާ އިހުގެ މުސްކުޅިން ބުނެއެވެ. މަކުނު ފިނދުން ވަލެއް ހުހެއް ނުވާނެއެވެ. މިބަސް އާއްމުގޮތެއްގައި ނިސްބަތްކުރެވެނީ އޮއްޓަރެއްނެތް ގެރިޒުވާބު ކުރާ މީހުންނަށެވެ.

ބައްޔެއްގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާލައިގެން ވާހަކަ ދެއްކުން ގިނަވީމާ އިހު މީހުން ބުނެއުޅެއެވެ. ދީދީގެ އަނގައިން ބަސް ހުހެއް ނުވާނެއެވެ. މި ދީދީއަކީ ކުރީ ޒަމާނެއްގައި ކޮންމެވެސް ރަށެއްގައި އުޅުނު މީހެކެވެ. ހިނގާފައިދާއިރު އެކަނި އަމިއްލަ ނަފުސަށްވެސް ވާހަކަ ދައްކާނެއެވެ. އޭނާގެ ބަސް ހުއްޓޭނީ ނިދާފައި އޮންނައިރުއެވެ. މާލޭގައި އުޅުނު ގޯނިބޭ ކުޑައަލީވެސް ފަދައިންނެވެ.

ކޮންމެއަކަސް މަކުނު ފިނދުން ވާ ހުސްނުވުމާއި ދީދީގެ އަނގައިން ބަސް ހުސްނުވުމޭ މިބުނެވެނީ ޖިސްމާއި ނަފްސު ތަރައްގީ ނުވުމުގެ މާނައިގައެވެ. މިޒާތުގެ ވިޔާނުދާ ކަންކަމަށް ނިސްބަތްކޮށްފައި ބުނެވޭ އެހެން ބަހެއްވެސް އޮވެއެވެ. ގެރިއަށް އޮއްގައު އުކާނީ ތެޔޮޅުވާ ކުދިންނެވެ. މިވެސް މުސްކުޅިބަހެކެވެ.

 

މިއީ ވިޔާނުދާކަންތައް ކުރާނީ ވިޔާނުދާ މީހުންކަން ދޭހަކޮށްދިނުމަށް ބުނެއުޅޭ ބަހެކެވެ. ތެޔޮޅުވާކުދީންނަކީ މާލޭގެ މަގު ބައްތިތަކަށް ތެޔޮއެޅުމާއި ހިތިވިލޭރޭ ދަންމަރަށް ތެޔޮއަޅައި އަވަށުވެރިންގެ ގޭގޭގައި ޖެހޭ ކުދިކުދި މަސައްކަތްކުރާ ކުދިންނެވެ. މަގުމަތީގައި ވީއްލިގެން އުޅޭކުދީންނެވެ. ވަކަރުގޭ ކުދީންނެވެ. ތަރުބިއްޔަތެއް އިލްމެއް ލިބިފައިނެތް ވިޔާނުދާ ކުދީންނެވެ.

ރާއްޖޭގެ ރަށްރަށުގައި މިހާރު ގެރިއެއް ނުގެންގުޅެއެވެ. އެއީ ކުރީ ޒަމާނުގައި ގެންގުޅުނު އެއްޗެކެވެ. މިހާރު ވަކަރުގެއެއްވެސް ނުހުރެއެވެ. އެހެންވީމާ ވަކަރުގޭ ކުދީންނެއްވެސް ނުތިބެއެވެ. ތެޔޮޅުވާ ކުއްޖަކުވެސް ނުހުރެއެވެ. އެހެންނަމަވެސް ވަކަރުގޭ ކުދީން އުޅުނު ގޮތަށް އަދި ތެޔޮޅުވާ ކުދީން އުޅުނު ގޮތަށް އުޅޭ މީހުން މިހާރުވެސް ފެނެއެވެ.

ގެެރިއަށް އޮއްގައު އުކައި ނޫޫޅުނެއްކަމަކު އެބީދައިން މާތް ދަރަޖަވެރީންނަށް ހުތުރުދެމުން ގޮޅާބޮލަށް ގޮވަމުން އޮއްގައު އުކަމުން ދުވާ މީހުން މިހާރުވެސް އެބަފެނެއެވެ. މަކުނު ފިނދުން ވާ ހުސްނުވެޔޭ ބުނެވޭ ޒާތަށް އޮއްޓަރެއް ނެތް ގެރިޒުވާބު ކުރާ މީހުންވެސް ފެނެއެވެ. ދީދީގެ އަނގައިން ބަސް ހުސްނުވާނެޔޭ ބުނެވޭ ގޮތަށް ހުއްޓާނުލައި ބޭކާރު ވާހަކަ ދައްކާ މީހުންވެސް އެބަފެނެއެވެ.

ފަލްސަފާއޭ ކިޔަނީ ބުއްދިވެރިކަމުގެ އިލްމަށެވެ. ކަމެއްގެ ބޭނުން އާންމު ވިސްނުމަށް ގަބޫލު ކުރެވޭ ގޮތަށް ވިސްނައިދިނުމަށެވެ. ބައެއް ނުވަތަ ޖަމާއަތެއްގެ މީހުންގެ ވިސްނުން ހުންނަގޮތަށެވެ. ކަންކަމާމެދު ބުއްދި ގަބޫލުކުރާގޮތަށް ދައްކައިފައިވާ ހަމަތަކަށެވެ. ފަލްސަފާވެރިޔާއަކީ ބުއްދިވެރިޔާއެވެ. ހިކުމަތްތެރިޔާއެވެ. ކަންކަމާމެދު ގަބޫލުކުރާގޮތަށް ހަމަދައްކާ މީހާއެވެ. ސިކުޑީގެ ހަމަވިސްނުމުގެ އިލްމު ލިބިފައިވާ މީހާއެވެ. މަގާމުތަކުގައި ތިބޭ ދަރަޖަވެރީންގެ ފުށުން އިވޭންޖެހޭނެ ކަމަށް އަހަރެންނަށް ފެންނަނީ ފަލްސަފާއެވެ.

އެފަދަ ދަރަޖަވެރީން ވާންޖެހޭނެ ކަމަށް ފެންނަނީ ފަލްސަފާވެރީންނަށެވެ. މީގެ ބަދަލުގައި ވަކަރުގޭ ކުދީންނާއި ތެޔޮޅުވާ ކުދީންކަމުގައިވެ ގެރިއަށް އޮއްގައު އުކަމުން ގޮޅާބޮލޭ ގޮވަމުން މަކުނު ފިނދުން ވާ ހުސްނުވާ ގޮތަށް ހުއްޓާނުލައި ހޮޅިވާހަކަ ދައަކަމުންް ގެރިޒުވާބު ކުރަމުން ދުވާން ފެށީމާ ގައުމުގެ ހާލަކީ ފަހެ ކޮބައިބާވައެވެ.

ދެން އެވާހަކަ ބާއްވަމާބަހީއެވެ. އިހަށްރޭ އަހަރެމެންގެ އިބްރާހިމްދީދީ މާވަރުގަދަ ވާހަކައެއް ދައްކައިފިއެވެ. އަތްޖަހާ އޮޅީގެ ކޮންމެވެސް ހަރުގެޔެއްގައެވެ. ބުންޏެވެ. ދަރުބާރު އޮޅީގެ ސަރުދާރުން އަންގަވައިފިއްޔާ ކިހިލިޖަހައިގެންވެސް މަޖިލީސްތެރެއިން ތިޔަ އެއްޗެހިތައް ބޭރުކޮށްލައިފާނަމެވެ. ހަނގުބޭކަލުންގެ އެހީތެރިކަމަށް އެދޭކަށްވެސް ނުޖެހޭނެއެވެ. މަށާ ދިމާލަށް އެއްޗެއް ބުނާން އެވެރީންނަށް ހަމަ ލާހިކެއް ނޫނެވެ. ބުނެފިއްޔާ ގޮވާނީ ގޮޅާބޮލަށެވެ. މިޒާތަކަށް މިވާހަކަ އަނބުރައަނބުރައިފައި ބައިގަޑިއެއްހާއިރު ދެއްކިއެވެ. އިބްރާހިމްދީދީއެވެ. ކޮން އެއްޗެއް މަޖިލީހުން ބޭރުކުރާނަމޭ ހެއްޔެވެ. ސަރުދާރުން އަންގާއިރަށް ކޮންކަމެއް ކުރާނަމޭ ހެއްޔެވެ. އެއްކަމެއްވެސް ނުކުރެވޭނެއެވެ. ސަބަބު ވަރަށް ސާފެވެ. ފޭދޫ ރައްޔިތުން އިބްރާހިމްދީދީ ހޮވާފައި ހުރީ ތިޔަ ބުނި ކަހަލަ ކަންތައް ކުރާކަށެއް ނޫނެވެ.

އިބްރާހިމްދީދީއަކީ ނުލާހިކު ކުޅަދާނަ ބަސްމޮށުންތެރިޔެކެވެ. ދޫފަސޭހަ ވާހަކަ ދެއްކުންތެރިޔެކެވެ. ހުއްޓާނުލައި މުޅިދުވަހުވެސް ވާހަކަ ދައްކައިފާނެއެވެ. ތަގުރީރު ކުރުމުގައި ކިއުބާގެ ފިޑެލް ކާސްޓްރޯ ފަދަ މީހެކެވެ. އެކަމަކު އިބްރާހިމްދީދީއެވެ. ކާސްޓްރޯ ދައްކައި އުޅުނީ ފަލްސަފާވެރިކަމުގެ ވާހަކަތަކެވެ. އދ ގެ އާއްމު މަޖިލީހުގެ ޖަލްސާއެއްގައި ހުއްޓާނުލައި ދެއްކީ އެކަހަލަ ވާހަކައެވެ. އިބްރާހިމްދީދީ ތިޔަ ދައްކަނީ ގޮޅާބޮލުގެ ވާހަކައެވެ. ކިހިލިޖަހައިގެން އެއްޗެހިތަކެއް ބޭރުކުރާ ވާހަކައެވެ. އެއީ ތެޔޮޅުވާ ކުދީން ކުރި ކަހަލަ ކަންކަމެވެ. އެކުދީންގެ ބަހުރުވައެވެ. އެކަހަލަ ކުދީން ދައްކައި އުޅުނު ޒާތުގެ ވާހަކައެވެ. އިބްރާހިމްދީދީ އެދާއިރާއަކަށް ނިސްބަތްވާ ދާއިރާޔާ މިޒާތުގެ ބަސްމަގު ނުގުޅެއެވެ.

މިއަދުގެ ވާހަކަތައް ނިންމައިލުމުގެ ކުރީން އަދި އެއްވާހަކައެވެ. ކަންވާރަކުން ތިކިޖަހާނީ އެތެރޭގައި ހުންނަ އެއްޗަކުންނެވެ. މާނަޔަކީ މީހެއްގެ އަނގައިން ބޭރުވާނީ އެމީހާގެ ހިތާއި ސިކުނޑީގައި ހުންނަ އެއްޗެކެވެ. ނެތްއެއްޗެއް ބޭރުވުމެއް ނެތެވެ. އިލްމުވެރީންގެ އަނގައިން ބޭރުވާނީ ފަލްސަފާއެވެ. ހިކުމަތެވެ. މީގެ މިސާލަކީ މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ ދޫފުޅުން އިލްމާއި ހިކުމަތުގެ ފިލާވަޅުތަކެއް ނޫނީ ބޭރުވުމެއްނެތެވެ. އެހެންވީމާ ޕޯޑިއަމްތަކުގައި ތަގުރީރުދޭން ބޭނުންވާ ކުދީންވެސް ނަމޫނާއަކަށް ބަލާންވީ އެމަނިކުފާނެވެ. އިބްރާހިމްދީދީވެސް ނަމޫނާއަކަށް ބަލަންވީ ހަމަ މައުމޫނެވެ.