Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އެގޮތުން އެ މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ފ. ނިލަންދޫ، އަސަރީގެ، އަޙްމަދު ޝަފާޒު (33އ) އެވެ.

ޝަފާޒް ހޯދަމުންދަނީ ކ. މާލެ، ރަތްނިރުގޭގެ އެޕާޓްމަންޓްތައް ކުއްޔަށް ދޭނެކަމަށްބުނެ އެކިފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން ފައިސާ އަތުލުމަށްފަހު، އެފަރާތްތަކަށް އެޕާޓްމަންޓް ކުއްޔަށްނުދީ ފިލައިގެން އުޅޭކަމަށް ބުނެ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އަދި ޝަފާޒުގެ ފަރާތުން އެއްވެސް ފަރާތަކަށް މިފަދަ މައްސަލަތަކެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ، އަޙްމަދު ޝަފާޒުއާއި އެއްވެސް ފަރާތަކާ ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތްތަކެއްވާނަމަ އެކަން ފުލުހުންނަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.

އެހެންކަމުން، ޝަފާޒު އާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.