Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ފުލުހުން ޔުނީފޯމް ނާޅާ ހުރެ މީހަކު ހައްޔަރު ކުރުމުން ދޫކޮށްލަން ޖެހިއްޖެ

ލިންކް ރޯޑުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ. އައްޑޫލައިވް ފައިލް ފޮޓޯ.

މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) ގެ އޮފިސަރަކު ޔުނީފޯމް ނާޅާ ހުރެ މީހަކު ހައްޔަރު ކުރުމުން، އެ މީހާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފި އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ މީހާ ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެންނެވެ. އަދި އޭނާ ހައްޔަރު ކުރި ވަގުތު ފުލުހުންގެ އޮފިސަރު ހުރީ ޔުނީފޯމް ނާޅާ ކަމަށް ވާތީ، އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރު ކޮށްފައި ވަނީ މި މަހުގެ 25 ވީ ހުކުރު ދުވަހު އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ޒުވާނެކެވެ.

އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެއެވެ. އެގޮތުން ކޯޓުން ނެރުނު އަމުރުކުގައި ވާގޮތުން އެމީހާ ހައްޔަރު ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ 40 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް ކަމަށެވެ.

އެ ގާނޫނުގައި ވާގޮތުން މީހަކު ހައްޔަރު ކުރަން ވާނީ ޔުނިފޯމު އަޅާފައި ހުންނަ ފުލުހެއް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ.