ދުނިޔޭގެ ފުޓުބޯޅައިގެ މާކެޓު އަގުބޮޑުވެ، އާދައިގެ ކުޅުންތެރިންނަށް ޓީމުތަކުން ބޮޑެތި ޚަރަދު ކުރާތީ އަޖާއިބުވާ ކަމަށް ކުރީގެ މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ރޮއި ކީން ބުނެފިއެވެ.
ކީން ބުނެފައިވަނީ 30، 40 މިލިއަން ޕައުންޑަށް އާދައިގެ ކުޅުންތެރިން ގެންނައިރު މިއަދުގެ މާކެޓުގައި 13 ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ވިންގަރު ރަޔަން ގިގްސްގެ އަގު އުޅޭނީ ދެ ބިލިއަން ޕައުންޑަށް ކަމަށެވެ.
"އަހަރެން ހަމަ އަޖާއިބު އެބަވޭ އާދައިގެ ކުޅުންތެރިން 30، 40 މިލިއަނަށް ގަންނަމުންދާތީ. ޔަގީނުންވެސް ރުޑް އުޅޭނީ މިއަދުގެ މާކެޓުގައި 1 ބިލިއަން ޑޮލަރަށް. ޑޭވިޑް ބެކަމް؟ 1 ބިލިއަން! ރަޔަން ގިގްސް؟ 2 ބިލިއަން! ޝައްކެއްވެސް އޮތް ކަމެއް ނޫން." މެންޗެސްޓާ ޔުނައިޓެޑާއެކު 7 ޕްރިމިއާ ލީގު ނަގާފައިވާ ކީން ބުންޏެވެ.
މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން 89 މިލިއަން ޕައުންޑަށް ޔުވެންޓަސް އިން ޕޮގްބާ ގެނެއުމަށްފަހު މިސީޒަނުގައި ޕޮގްބާގެ ރެކޯޑު ފީ ފްރާންސުގެ ޕީއެސްޖީން ވަނީ 198 މިލިއަން ޕައުންޑަށް ބާސެލޯނާގެ ތަރި ނޭމާ ގަތުމަށްފަހު މުގުރާލާފައެވެ. އަދި އެމީހުން އަނެއްކާ މޮނަކޯގެ 18 އަހަރުގެ ފޯވާޑް ކީލިއަން އެމްބާޕޭ ހޯދުމަށް 156 މިލިއަން ހުށައަޅާފައިވާއިރު ބާސެލޯނާއިން ވަނީ މިސީޒަނުގައި ނޭމާ ވިއްކާލުމަށްފަހު 150 މިލިއަން ޕައުންޑަށް ޑޯޓްމަންޑުގެ އުސްމާން ޑެމްބޭލޭ ގަނެފައެވެ.
ޓްރާންސްފާ އަގުތައް އުފުލެމުން އަންނައިރު ފީފާ ފެއާ ޕްލޭ ގަވާއިދާ އެއްގޮތަށް ކުލަބުތަކުން ހޭދަކުރަމުންދާތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.