ހައި ކޯޓުގެ ދެކުނު ގޮފީގައި ތިއްބެވި ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވާ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައި ކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ އަށް ބަދަލުކުރުމުގެ އަމުރެއް މިއަދު ސުޕްރީމް ކޯޓުން ނެރެފައި ވާއިރު، އެ ފަނޑިޔާރުން މާލެ ބަދަލު ކުރުމުގެ ހުއްދައަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެދިވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ހުޅުދޫގައި ޤާއިމްކޮށްފައިވާ ހައި ކޯޓު ދެކުނު ގޮތްޕަށް ކަނޑައަޅާފައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. މީގެ ތެރެއިން ޝުޖާއު އުޘްމާން ފާއިތުވި މާރޗް މަހުން ފެށިގެން ހުންނަވަނީ މާލޭގައެވެ. އޭގެ ސަބަބުން ހައި ކޯޓު ދެކުނު ގޮފީގެ ޝަރީޢަތްތައް މެދުކެނޑިފައި ވާތާ 6 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން ދެކުނު ގޮފީގެ ފަނޑިޔާރުން މާލެއަށް ބަދަލުކުރެއްވީ ގިނަ ދުވަސްވެފައިވާ މައްސަލަތައް މާލޭގެ ހައިި ކޯޓުގައި ގިނަ އަދަދަކަށް ހުރުމުން ކަމަށެވެ. އަދި އެ ފަނޑިޔާރުން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވަން ޖެހޭނީ އެ ކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތެއްގެ މަތިން ކަމަށް އެ އަމުރުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ހައި ކޯޓުގެ ފަނޑިޔާރުންނަށް އަންގާފައިވަނީ މިއަހަރުގެ ނިޔަލަށް ނިންމަންޖެހޭ މައްސަލަތައް ނިންމުމަށެވެ. އަދި އެކަމުގައި އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަންގާފައިވެ އެވެ.
މާލޭގެ ހައި ކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.