ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ބަނދަރެއް ވެސް ހަދައި ދީފައި ނުވާ ކަމަށާއި އަދި ބަނދަރެއް މަރާމަތުކޮށްދީފައި ވެސް ނުވާ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައިބީ މިހެން ވިދާޅުވެފައި ވަނީ، ރޭ "ސަން" ޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
" [ނަޝީދުގެ ވެރިކަމުގައި] ބަނދަރެއް މަރާމާތު ކުރީ އެއް ނޫން ބަނދަރެއް ހެދުނީ އެއް ނޫން."
އައިބީ މިހެން ވިދާޅުވެފައި ވާއިރު، އައްޑޫގެ އަވަށްތަކުގެ ބަނދަރުތަކުގެ ތެރެއިން އެންމެ ކާރޫ ބާރު ބޮޑު އަދި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ ފޭދޫ ބަނދަރު 2008 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް ހަލާކުވެފައިވަނިކޮށް ތަރައްޤީކޮށްފައި ވަނީ ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓަށެވެ.
ރޭގެ ޕްރޮގްރާމްގައި އައިބީ ވާހަކަ ދައްކަވާފައި ވަނީ މައިގަނޑު ގޮތެއްގައި ނަޝީދުގެ ވެރިކަމުގެ ނުކުރެވި ހުރި ކަންތަކާއި ބެހޭގޮތުންނެވެ. އެގޮތުން އައިބީ ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާ އެއްގޮތަކަށް ވެސް އެޅިފައި ނެތް ކަމަށާއި ކަރަންޓުގެ ޚިދުމަތް އެއްވެސް ހިސާބަކުން އެއްވެސް ބަޔަކަށް ދެވިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި އަޅާފައިވާ އޮއިވާލި ކަނދުފަތިތައް މަރާމާތު ކުރެވިފައި ނުވާ ކަމަށް އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވި ގޮތުގައި އައްޑޫ ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަޝީދުގެ 3 އަހަރު ފަހުން ވެރިކަމުން ފޭބީ، އައްޑޫ މާމެންދޫ ތެރެއަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށް އިމާރާތެއް އަޅުއްވާފައި ކަމަށެވެ. އެހެން ނަމަވެސް އެ އިމާރާތުގައި މިހާރު ފަނި އަޅާފައި ވާކަމަށް އައިބީ ވިދާޅުވިއެވެ.