ހައި ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ޖޭއެސްސީ) ހުށަހަޅައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅާފައި ވަނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނުގެ ފަރާތުންނެވެ.
ޖޭއެސްސީ އަށް ސުލޫކީ މައްސަލަ ހުށަހަޅާފައި ވަނީ ޤާނޫނާއި ޚިލާފަށް ފާރިސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ފައިލު އިސްފަނޑިޔާރު ދީދީގެ ސެކްޝަނަށް ބަދަލުކުރެއްވި މައްސަލައެކެވެ.
ފާރިސްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް މައްސަލައިގެ ފައިލް އިސްފަނޑިޔާރުގެ ސެކްޝަނަށް ބަދަލުކޮށްފައިވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށެވެ.
2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޢަބްދުﷲ ދީދީ އަކީ މީގެ ކުރިން ޖުވެނައިލް ކޯޓް އަދި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ އިތުރަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.