ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އަނބިކަނބަލުން މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރޭވި ދަތުރުފުޅު ރައީސް ޔާމީން ކެންސެލް ކުރެއްވުމުން ހައްޖަށްވެސް ވަޑައިގަންނަވަނީ ދެއްކުންތެރިކަމުގެ ގޮތުންކަން ސާބިތުވެއްޖެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވަނީ މެޑަމް ފާތުން ހައްޖަށް ފުރާވަޑައިގަތުމުންވެސް ރައީސް ޔާމީން ހައްޖަށް ފުރާ ވަޑައިނުގަނެ ރާއްޖޭގައި ހުންނެވުމާއި ގުޅިގެން ކުރި ޓުވީޓެއްގައެވެ.
RYameen he Hajj dhathurufulhu, SC ge javaabakaa hedhi cancel kurumun yageenvanee, Hajjah ves vadaigannavanee dhekkuntherikamuge gothunkamah
— Ahmed Mahloof (@AhmedMahloof) August 30, 2017
މަހޭ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ޖަވާބަކާހެދި ރައީސް ޔާމީންގެ ހައްޖު ދަތުރުފުޅު ކެންސަލް ކުރެއްވުމުން ހައްޖަށްވެސް ދަނީ ދެއްކުންތެރިކަމުގެ ގޮތުން ކަން ޔަގީން ވެއްޖެ ކަމަށެވެ.
މެޑަމް ފާތުން ހައްޖު އަދާކުރުމަށް ފުރާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. ރައީސް ދަތުރުފުޅު ފަސްކުރައްވައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގައެވެ. ނަމަވެސް އަދިވެސް ހައްޖަށް ފުރާވަޑައިނުގެން ރައީސް ޔާމީން މިއަހަރުގެ ހައްޖު ދަތުރުފުޅު ކެންސެލް ކުރައްވާފައިވާ ކަމަށް ގަބޫލުކުރެވެއެވެ.