ބިރެއްނެތި ހިތުހުރިހާ ގޮތަކަށް ހުކުމް ކުރަމުންދިޔަ ފަނޑިޔާރުން މިއަދު މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
Bireh nethi Hithu hurihaa gothakah Hukum kuramun dhiya Fandiyaarun mihaaru maa gina vaahaka dhakkavan ulhuvvaane kameh nethennu! #Dhoeththo
— Hassan Latheef🎈 (@HassanLatheef) August 30, 2017
ހަސަންގެ ފާޑުކިޔުންތައް ގާޒީންނަށް އަމާޒުވެފައިމިވަނީ ގާޒީ އަބްދުލްބާރީ ޔޫސުފް ނަމުގައި ޓުވިޓާ އެކައުންޓަކުން ޓުވީޓު ކުރަން ފެށިތަނުންނެވެ. ގާޒީ ބާރީގެ ނަމުގައި ހަދާފައިވާ މި ޓުވީޓާ އެކައުންޓުގައި ވަރަށް ދުވަހު ކެތް ކުރެވިއްޖެ ކަމަށާއި ރިޝްވަތު ހުށައަޅާ ބޭއިންސާފުން ހުކުމް ކުރުން ހުއްޓުވަން ރައްޔިތުން ނިކުތުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ނުހައްގުން އިންސާފުގެ ބޭރުން ކުރެވިފައިވާ ހުކުމްތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށްވެސް މި އެކައުންޓުން ޓުވީޓުކޮށްފައިވެއެވެ. ޓުވީޓު ކުރިތާ މާގިނައިރުތަކެއް ނުވެ ގާޒީ ބާރީގެ ފޭސްބުކް އެކައުންޓުން ވަނީ އޭނާގެ ނަމުގައި ހަދައިގެން އުޅޭ ޓުވިޓާ އެކައުންޓަކީ ފޭކު އެކައުންޓެއް ކަމަށާއި އޭނާގެ ފޭސްބުކް އެކައުންޓު ނޫން ސޯޝަލް މީޑިޔާ އެކައުންޓެއް ނެތް ކަމަށް ބުނެ ސްޓޭޓަސްއެއް ލިޔެފައިވެއެވެ.
ގާޒީ ބާރީ ވަނީ ކްރިމިނަލް ކޯޓުން ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ. ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވަނީ ގާސިމް އިބްރާހިމްގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމަށް ފަހުގައެވެ. ދައުލަތުން ވަނީ އެމައްސަލަ ބޭރުކޮށްލުމަށްފަހު އަނެއްކާވެސް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. ދެވަނަ ފަހަރަށް މައްސަލަ ހުށައެޅުމުން ކޯޓުން ވަނީ ގާސިމް އިބްރާހިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ބުނެ 3 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.