އަމިއްލަ ގެކޮޅު ހ. ދޫވެހީގެ މިލްކުވެރިކަން އެހެން މީހަކަށް ދެއްވުމަށް ފަހު ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ބައްލަވައިގަތް ބިމުގައި އިމާރާތް ކުރަން ފައިސާ ހޯއްދަވާ ގޮތާއި މެދު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ސުވާލު އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ %50 ނަންގަވަމުން ގެކޮޅު ބިނާކުރަން ފައިސާ ހޯއްދަވާއި ގޮތާއި މެދު ނިޒާރު ސުވާލު އުފައްދަވާފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ.
"މުސާރަ ނަގަނީ %50. ކުރި ވިޔަފާރިއެއް ނެތް. މާލެ އިން ގޯތި ގަނެ 20 ބުރިއަށް ގެ އަޅަނީ ކޮންތާކުން ހޯދި ފައިސާއިން؟" -ނިޒާރު-
މާލޭގައި އިމާރާތް ކުރުމުގައި ޝީޓް ޕައިލް ކޮށްފައި ވަނީ ވަރަށް ބޮޑެތި އިމާރާތްތައް އެޅުމަށެވެ. އަދި ޝީޓް ޕައިލް ކުރުމުގެ ތެރޭގައި އެ ސަރަހައްދުގެ ގެތަކަށް ވަރަށް ބޮޑަށް ލޮޅުން އަރައި ގެއްލުން ލިބިފައި ވެސް ވެއެވެ.
ނޫފަރަކީ މާލޭ އިރުމަތީ ފަރާތުގެ ބޮޑުތަކުރުފާނުމަގައި ހުންނަ 2،900 އަކަފޫޓުގެ ގެއެކެވެ. ނޫފަރު ގެއާ ޖެހިގެން އޮންނަ 40 އަކަފޫޓުގެ ކުޑަ ބިމެއް ވެސް ދާދި ފަހުން ރައީސް ޔާމީން ވަނީ ބައްލަވައިގެންފަ އެވެ.