Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ޑްރަގާ އެކު ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސާއި ޅ. ނައިފަރު އަދި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކު ކަމަށް މަޢުލޫމާތު ލިބެއެވެ.

މިދެމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު 22:05 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ނައިފަރުން ކަމަށާއި، މިމީހާ ވަނީ ފުލުހުން މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް އެއްލާލާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

އަދި 22 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން އޮގަސްޓް 29 ވަނަ ދުވަހުގެރޭ 00:56 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ކަނާއަތްފަރާތު ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އަދި އޭނާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު އެކޮޓަރީގައި އެނދުގެ ގޮަދަޑި ދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 80 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ދެ އޮޕަރޭޝަނުގެ އިތުރުން މިމަހުގެ 29 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިންނަވަރު ގެއެއްގައި ހުރި ޓީވީ އެއް ބަލައިފާސްކުރިއިރު އެ ޓީވީ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 259 ސެލޯފިންކޮޅު ފެނިފައިވެއެވެ. އެހެންނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހައްޔަރުކޮށްފައިވާ 24 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަތައް ހިންނަވަރު އަދި ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.