މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާ ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ޗެއާޕަސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރޭ އެމްޑީޕީން އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޕާޓީގެ ދުވެލި ހަލުވި ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ އިނދިކޮޅު ފަރާތްތަކަށް ވަރަށް ހިތާމަވެރި ދުވަސްތަކެއް ކަމަށް ވެސް މޫސާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ސްޕްރީމް ކޯޓުން މަޖިލީހުގައި ސިއްރު ވޯޓު ނެގޭނޭ ގޮތައް ނިންމިހާ އަވަހަކަށް ބާޣީ ނާޒިމް އާއި ބާޣީ ޖަމީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނޭ ކަމަށެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ އެ ދެ މީހުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނަގާ ރައްޔިތުންގެ މަޖިލީހުން މަޑުކޮށްގެން އޮތީ ޤާނޫނީ ގޮތުން އެކަން ނުކުރެވޭނޭތީކީ ނޫން ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހާއި ސްޕްރީމް ކޯޓު ތޮޅެން ފަށައިފި ނަމަ އޭގެ ދެރަ ރައްޔިތުންނަށް ލިބިގެން ދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ސީޔާސީ ޕާޓީތަކާ ބެހޭ ބިލް" އާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހިފައިވާ ކަމަށެވެ.
ޝިފާޒް ވިދާޅުވީ މަޖިލީހުން ބިލް ފާސް ކުރަން މަސައްކަތް ފެއްޓި ހިސާބުން ފެށިގެން ވަރަށް ގިނަ މީހުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި ކުއްލި ގޮތަކަށް މިފަދަ ޝަކުވާތައް އަންނަން ފެށީ ކީއްވެގެންތޯ ސާފު ކުރަން ޖެހޭ ކަމަށެވެ.
"ދެހާސް މީހުން ހަމަނުވާ ޕާޓީތައް ކުއްލިއަކަށް 10،000 މީހުންގެ ޕާޓީތަކަށް ބަދަލުވެގެންދާތަން މި ފެންނަނީ. ވަރަށް ގިނަ ބައެއްގެ ޝަކުވާ ލިބެމުން ދަނީ އެކި ޓްރިކްތައް ބޭނުންކޮށްގެން، ފޯމްތައް ވަގަށް ނަގައިގެން މެމްބަޝިޕް އިތުރު ކުރަން. ތިބޭފުޅުންގެ މެމްބަޝިޕް ދުވާލަކު އެއްފަހަރު ޗެކްކުރައްވާ އިނގޭތޯ.” ޝިފާޒް ވިދާޅުވި އެވެ.