Last Updated: June 29, 13:53
Monday, June 29, 2026
ދުނިޔެ

ފެންބޮޑުވުމުގެ ސަބަބުން މުމްބާއީގައި ފަސް މީހަކު މަރުވެއްޖެ

ފޮޓޯ: އޭއެފްޕީ

އިންޑިއާގެ މުމްބާއީ ގައި މޫސުން ގޯސްވުމުގެ ސަބަބުން ކުރާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން ފަސް މީހުން މަރުވެއްޖެ އެވެ.

އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މުމްބާއީގެ މަގުތަކުގައި އުނަގަނޑާއި ހަމައަށް ފެން ބޮޑުވެފައި ވުމާއި އެކު، އެ ސިޓީގެ ފްލައިޓްތަކާއި ޓްރެއިންގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އޭގެ ސަބަބުން އެތައް ހާސް މީހުން ތިބީ ގެއަށް ނުދެވިފައެވެ.

އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވުނަސް، ކުރިއަށްވުރެ މިހާރު މޫސުން ރަނގަޅުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މުމްބާއީގެ އިތުރުން އިންޑިއާގެ އުތުރު ސްޓޭޓެއް ކަމަށްވާ ބިހާރްގައި ވެސް ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 500 މީހުން ވަނީ މަރުވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.

މޫސުން ގޯސްވެ، ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ދެކުނު ޢޭޝިއާގެ ގާތްގަނޑަކަށް 16 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައެވެ. އަދި އެތައް ހާސް މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

މުމްބާއީގެ ހާލަތު ދަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އެހެންނަމަވެސް ބުދަ ދުވަހު އެ ސިޓީގެ ހުރިހާ ސްކޫލްތަކަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.