Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ގާސިމް ގޭބަންދަށް ބަދަލުކުރަން ކަރެކްޝަނަލުން ނިންމައިފި

އައިޖީއެމްއެޗް ގައި އެޑްމިޓްކޮށްފައި ވަނިކޮށް 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، އަދި މިހާރު ވެސް އެ ހޮސްޕިޓަލުގައި ފަރުވާވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަނަލް ސާރވިސްއިން ނިންމައިފިއެވެ.

ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލުކުރުމަށް ނިންމިކަމުގެ ލިޔުން ކަރެކްޝަނަލް އިން ހަވާލުކޮށްދީފައިވާ ކަން ގާސިމްގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެެވެ.

ގާސިމްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ، ކަރެކްޝަނުން ދިން ލިޔުމާއި ގުޅިގެން ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އޮންނެވި ނަމަވެސް އެމަނިކުފާނާއި މެދު އަމަލުކުރަމުން ގެންދާނީ ގޭގައި ހުންނަވާ މީހަކާއި މެދު އަމަލުކުރާގޮތަށް ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށެވެ.

ގާސިމް ގޭ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަނުން ނިންމާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ގާސިމް އިބްރާހީމް ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

އެހެން ނަމަވެސް މިހާތަނަށް އައި އިރު އެކަން ފުރިހަމަ ކުރުމަށް ސަރުކާރުން ތަފާތު ބަހަނާތައް ދައްކަމުން އައިސް އިއްޔެ އޭޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.