Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ލޯ މަރާލައިގެން ތިއްބާ ކަރުގައި "އަނިޔާ ހިފާނެ ދުވަހެއް" އަތުވެދާނެ: އަމީތު

ބަޔަކު މީހުން އަނިޔާވެރިކަން ތަހައްމަލް ކުރަމުން ގެންދާއިރު އެކަމަށް ލޯ މަރާލައިގެން ތިއްބާ، އެ ބައެއްގެ ކަރުގައި "އަނިޔާވެރިކަން ހިފާނެ ދުވަހެއް އަތުވެދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިހެން ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އަމީތު ސިފަކުރެއްވި ގޮތުގައި ޕީޕީއެމްގެ ރައީސް ޔާމިން ފެކްޝާނުގައި ތިއްބެވި މެމްބަރުންނަކީ ދުލުގައި އޮންނަ ބަސް ވިދާޅުނުވެވޭ ހާލަތެއްގައި ތިއްބެވި މެމްބަރުން ކަމަށެވެ.

"ތިޔަބޭފުޅުން އެކަން ކަމަށް ދެލޯ މަރާލައިގެން ނުތިއްބަވާ. ތިޔަބޭފުޅުން މިއަދު ދެލޯ މަރާލައިފިނަމަ، ތިޔަބޭފުޅުންގެ ކަރުގައި އަނިޔާ ހިފާނެ ދުވަސް އަންނާނެ. އެކަން ގަބޫލު ކުރައްވާ. ކުރު މާޒީން އެކަން ވަނީ ފެނިގެން ގޮސްފައި،" އަމީތު ވިދާޅުވި އެވެ.

ކުރިން ޕީޕިއެމް މެންބަރެއްގެ ގޮތުގައި ހުންނެވި އަމީތު ވިދާޅުވީ އަނިޔާ އަކީ ހަމައެކަނި ވެރިޔަކަށް ދޭ އެއްޗެއް ނޫން ކަމަށެވެ. އަދި އެހެން މީހުންނަށް އަނިޔާ ލިބެމުން ދާއިރު އެކަމަށް އަތް ޖަހަން ނުތިބުމަށް އަމީތު އެދިވަޑައިގެންނެވިއެވެ.

އަމީތު ވިދާޅުވި ގޮތުގައި އަނިޔާވެރިއަކީ ހަމައެކަނި އަނިޔާދޭ މީހާ ނޫން ކަމަށާއި އަނިޔާ ލިބޭ އިރު އެކަން ބަލަން އަތްޖަހަން ތިބޭ މީހުންނަކީ ވެސް އަނިޔާވެރިން ކަމަށެވެ.