މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި އަންހެނުންނާއި ހާއްސަކޮށް އައްޑޫގެ އަންހެން ކަނބަލުންނަށް "އައްޑޫ ލައިވް" ގެ ފަރާތުން ތަހުނިޔާ އާއި މުބާރިކްބާދީ އަރިސް ކުރަމެވެ.
މި ފުރުސަތުގައި އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ވެސް މަރުހަބާ ކިޔަމެވެ. އަދި އެ ކޮމިޓީގެ ފަރާތުން އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކަށް ކާމީޔާބީ އެދި އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް ކާމިޔާބް ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް "އައްޑޫ ލައިވް" ގެ ފަރާތުން ގަބޫލް ކުރަމެވެ.
އަންހެނުންގެ ދުވަސް އައްޑޫގައި ފާހަގަ ކުރުމުގެ ގޮތުން މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އަންހެނުންގެ ތަރައްްގީ އަށް މަަސައްކަތް ކުރާ ކޮމިޓީން ބުންޏެވެ.
އެގޮތުން ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ ބައްދަލުވުންތަކެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ފުރަތަމަ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު ހުޅުމީދޫގަ އެވެ. އަދި ދެވަނަ ބައްދަލުވުން އޮންނާނީ މާދަމާ ރޭ ފޭދޫގައެވެ.
އަދި މި މަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު މަރަދު އާއި މަރަދޫފޭދޫގައި ބައްދަލުވުން ބޭއްވުމަށް ފަހު ހިތަދޫގައި ވެސް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.
މި ބައްދަލުވުންތަކުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ މަސްތުވާތަކެއްޗާއި ސިއްހީ ރަނގަޅު އާދަތަކުގެ އިތުރުން ގެވެށި އަނިޔާ އަދި އިގްތިސާދާ ދާއިރާ އާ ބެހޭ ގޮތުންނެވެ.