Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

"އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ބައެއް ފަނޑިޔާރުން ހެކިބަސް ދެއްވާނެ"

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ދެކޮޅަށް މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ގައި ހެކި ބަސް ދެއްވާނެ ފަނޑިޔާރުން އެބަތިއްބެވި ކަމަށް ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަހްފޫޒް ވިދާޅުވީ، ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ނުކުރައްވާނަމަ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނެއެވެ.

މަހްފޫޒް މިހެން ވިދާޅުވެފައި ވާއިރު ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވަނީ ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރަން ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެ ޕެޓިޝަން ސުޕްރީމް ކޯޓުން ވަނީ ބަލައި ނުގަނެފައެވެ.

އެކަމާޢި ގުޅިގެން މަހުފޫޒް ވިދާޅުވީ ޕެޓިޝަން ހުށަހެޅުމާއެކު ކަންކަން ވަގުތުން ހައްލުނުވާނެ ކަން ވަކީޅުން ވެސް ގަބޫލުކުރާ ކަމަށެވެ. އެހެން ނަމަވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކަންކަން ހައްލުވާ މަންޒަރު ފެންނަން ވާނެ ކަމަށާއި ނުފެނިއްޖެ ނަމަ އުއްތަމަ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަށް ވަކީލުން ނިންމާފައިވާ ކަމަށެވެ.

މަހުފޫޒް ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ޖޭއެސްސީގައި ހެކި ބަސް ދެއްވާނެ ފަނޑިޔާރުން ވަރަށް އަވަހަށް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިއީ ހަމަ ސީރިއަސްކޮށް ޖުޑިޝަރީ އިސްލާހުކުރުމަށް އަޅުގަނޑުމެން މި ނިކުތީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ކުރާނަން އުއްތަމަ ފަނޑިޔާރު އަޅުގަނޑުމެންގެ މި ޝަކުވާތައް އަޑު ވެސް އައްސަވާނެ، އާޚިރުގައި މިކަންކަމަށް އިސްލާހު ގެނެއުމަށް މަސައްކަތް ވެސް ކުރައްވާނެ،" މަހުފޫޒް ވިދާޅުވި އެވެ.