ހިތަދޫގައި އަޟްހާ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް މި ފަހަރު ސިޓީ ސްކެއާގައި ކުރުމަށް ނިންމައިފިއެވެ.
ސިޓީ ސްކެއާގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ބޭއްވުމަށް ކުރަން ޖެހޭ ތައްޔާރީތައް ނޫރުލް އިސްލާމް ޖަމިއްޔާ އާއި އިސްލާމިކް މިނިސްޓްރީ އަދި ހެޔޮއެދޭ ފަރާތްތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް ޝެއިޚް މުހައްމަދު އަނީލް ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓްރީ އާއި އެ ޖަމިއްޔާގެ ފަރާތުން ޢީދުގެ ބޮޑު ޖަމާޢަތަށް ސިޓީ ސްކެއާ ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެކަމުގައި އިސްލާމިކް މިނިސްޓްރީ އާއި ހެޔޮއެދޭ ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
" މިނިސްޓްރީ އާއި ގުޅިގެން ބޮޑު ޖަމާޢަތަށް ސިޓީ ސްކެއާ ތައްޔާރު ކުރުމުގެ މަސައްކަތް މިއަދު މެންދުރު ފަހު ފަށާނެ. އެ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން ބޭނުން. މިހާރު ވެސް ގިނަ ބަޔަކު ދަނީ އެހީތެރިކަން ފޯރުކޮށްދެމުން"
އައްޑޫގައި މީގެ ކުރިން ބޮޑު ޖަމާޢަތުގައި ޢީދު ނަމާތު ބޭއްވި ހުރިހާ ފަހަރެއްގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ. ނޫރުލް އިސްލާމް ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި މިފަހަރުވެސް އަންހެން ބޭފުޅުންނަށް އިދު ނަމާދުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.