Last Updated: June 29, 13:53
Monday, June 29, 2026
ދުނިޔެ

މުމްބާއިގެ އިމާރާތެއް ވެއްޓި 11 މީހަކު މަރުވެއްޖެ

އިންޑިއާގެ މުމްބާއީގައި ވެއްޓުނު އިމާރާތެއްގައި ދަށުވެ 11 މީހުން މަރުވެއްޖެ އެވެ.

އެ އިމާރާތުގެ ދަށުވި އިތުރު 24 މީހަކު ސަލާމަތް ކުރެވިފައިވާއިރު، ރެސްކިއު އޮފިޝަލުން ބުނާ ގޮތުގައި އަދިވެސް 5-10 މީހުން އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށެވެ. ހަ ބުރީގެ އެ އިމާރާތް ވެއްޓިފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

އެ އިމާރާތް ހުރީ މުމްބާއީގެ އާބާދީ އެންމެ ގިނަ އެއް ހިސާބު ކަމަށްވާ ބެންޑީ ބާޒާރް ސަރަޙައްދުގައެވެ. އަދި ބެލެވޭ ގޮތުގައި އެއީ 100 އަށްވުރެ ގިނަ އަހަރު ވެފައިވާ އިމާރާތެކެވެ.

އެމްބިއުލާންސްތަކާއި ފަޔަރ އިންޖިންތަކާއި ރެސްކިއު ޓީމްތަކުގެ މެމްބަރުން ދަނީ އަދިވެސް އެ ހާދިސާ ހިނގި ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ކަމަށް މަޢުލޫމާތު ލިބެއެވެ.

އިމާރާތް ވެއްޓިފައި ވަނީ މުމްބާއީ އަށް ބޯކޮށް ވާރޭވެހި ސިޓީގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ އިމާރާތް ވެއްޓިފައި ވަނީ މިއަދު ހެނދުނު އިންޑިއާ ގަޑިން ގާތްގަނޑަކަށް 08:40 ހާއިރު އެވެ.

މިއީ ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި މުމްބާއިގައި ހިނގި އެފަދަ ތިންވަނަ ހާދިސާއެވެ.