ޙައްޖުގެ މަތިވެރި އަޅުކަމަކީ އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އުޚުއްވަތްތެރިކަމުގެ ގުޅުމުގެ މަތިވެރިކަން ހިތްތަކަށް ގެނެސްދޭ މަތިވެރި އަޅުކަމެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ، އަޟްޙާ ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
"އަޟްޙާ ޢީދާއި ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިފައިވާއިރު، ޙައްޖަކީ، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އުޚުއްވަތްތެރިކަމުގެ ގުޅުމުގެ މަތިވެރިކަން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ މަތިވެރި އަޅުކަމެކެވެ."
ރައީސްގެ ޚިތާބުގައި ވިދާޅުވެފައި ވަނީ، ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރެއްގައި ގެނެސްދިނުންކަމަށްވާއިރު، އެ ތަރައްޤީ ގެނެސްދެވޭނީވެސް ޤައުމުގައި ހަމަޖެހުން އޮވެގެން ކަމަށެވެ.
އަދި އެ ހަމަޖެހުން އޮތުމަށްޓަކައި ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އެންމެން އިޙްތިރާމް ކުރަން ޖެހޭ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ ބަޔަކު ބޭނުންވާ ގޮތަކަށް، އުސޫލުތަކާ ޚިލާފަށް ކަންކަން ގެންދަން އުޅުމަކީ، އޭގެ ސަބަބުން މުޅި ޤައުމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.