Last Updated: June 9, 10:24
Tuesday, June 9, 2026
ރިޕޯޓް

މި އަހަރު ފޭދޫގައި ގާއިމު ކުރަން ބުނި 500 ޓޫރިސްޓް އެނދު ކޮބާ؟

އަލީ ހަނީޒު (ބޮއްކާ)ގެ ކެމްޕެއިން ބައްދަލުވުމުގައި އައިބީ ވާހަކަ ދައްކަވަނީ. ފޮޓޯ: އަހްމަދް ޒިޔާދް

މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެއްވަން ނިންމާފައިވާ ވަރަށް ގިނަ ކަންތަކުގެ ވާހަކަ އެ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ ވަނީ ވިދާޅުވެފައިވެއެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، 2017 ވަނަ އަހަރު ނިމުމުގެ ކުރިން ފޭދޫގައި 500 ޓޫރިސްޓް އެނދު ގާއިމްކުރެވޭނެ ކަމަށް އައިބީ ވިދާޅުވި ވާހަކަފުޅެވެ.

އައިބީ މިހެން ވިދާޅުވި ފަހުން 4 މަހަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު 500 ޓޫރިސްޓް އެނދާއި ގުޅޭ އެއްވެސް މަސައްކަތެއް ފޭދޫގައި ފަށާފައެއް ނުވެއެވެ. އަދި އެ މަޝްރޫޢާއި ބެހޭ އެއްވެސް ވާހަކައެއް ކައުންސިލް އިންތިހާބުގެ ފަހުން ސަރުކާރުން ވެސް އަދި އައިބީ ވެސް ނުދައްކަވައެވެ.

ފޭދޫގައި 500 ޓޫރިސްޓް އެނދު ގާއިމްކުރެވޭނެ ކަމަށް އައިބީ ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ފޭދޫ ދާއިރާއަށް ވާދަކުރި އަލީ ހަނީޒުގެ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެންނަށް ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ 10 ރިސޯޓޭ. 25 ކޮޓަރީގެ 10 ބްލޮކް. މިތާގައި މިއަހަރު ތެރޭގައި އަޅާ ނިމޭނެ. އެއީ 500 ބެޑު. 250 ކޮޓަރި.އެހެންވީމަ އަލީ ހަނީޒަށް ވޯޓު ދޭން މިބުނަނީ..މިއީ ސަޅިބައިސާއެއް ނޫން މިކަނޑަނީ…މިއީ ކަންކޮށްފަ ދައްކާ ސަރުކާރެއް." -އައިބީ-

ފޭދޫގައި 500 ޓޫރިސްޓް އެނދު ގާއިމްކުރާ ވާހަކަ ދެކެވިފައި ވަނީ އައްޑޫގައި ހުރި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓްމަންޓް ފުރުސަތުތަކަށް ހާއްސަކޮށްގެން އެޕްރީލް މަހުގެ ތެރޭގައި ބޭއްވި "އައްޑޫ އިންވެސްޓާސް ފޯރަމް" ގެ ތެރެއިންނެވެ.

އެ ފޯރަމްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެފައި ވަނީ އައްޑޫގެ 6 ސަހަރައްދެއްގައި"އައްޑޫ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް"ގެ ދަށުން 3000 އަށް ވުރެ ގިނަ ފަތުރުވެރިކަމުގެ އެނދު ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ.

އެހެން ނަމަވެސް މިހާތަނަށް އައި އިރު "އައްޑޫ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް" އާއި ގުޅޭ މަސައްކަތްތައް އައްޑޫގައި ކުރިއަށް ނުދިއުމަކީ ފޭދޫގެ އިތުރުން އައްޑޫގެ ހުރިހާ ރައްޔިތުންގެ ވެސް ކަންބޮޑުވުމެކެވެ.