މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން ގެނައުމަށް ނިންމައިފިއެވެ.
މިފްކޯގެ އެކި ދާއިރާތަކުގެ މަސައްކަތަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އެކުންފުނީގެ ފަރާތުން މިހާރު ވަނީ އިއުލާނު ވެސް ކޮށްފައެވެ.
މިފްކޯ އިން އޯގަސްޓް 30 ގައި ކުރި އިއުލާނެއްގައި ވަނީ، އެކުންފުންޏަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރާއްޖެއިން ބޭރުން ގެނެސްދިނުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާހުރި، ފަރާތްކަށް ފުރުޞަތު ހުޅުވާލާފައެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ސެޕްޓެމްބަރ ގެ ހެނދުނު 10 ޖަހާއިރު މިފްކޯ ހެޑް އޮފީހަށް ގޮސް މައުލޫމާތު އޮޅުން ފިލުވަން ޖެހެއެވެ. މި އިއުލާނާއި ގުޅިގެން އަންދާޒީ ހިސާބު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 14 ސެޕްޓެމްބަރ އެވެ.
މިފްކޯ އިން ގިނަ އަދަދެއްގެ ބިދޭސީން ހޯދުމަށް އިއުލާންކޮށްފައި ވާއިރު ދިވެހިރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރުގައި ބިދޭސީން ތިބޭ މައްސަލަ އާޢި ގުޅިގެން މަސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދޮށީގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރުގައި ބިދޭސީ ފަޅުވެރިން ތިބުމަކީ މަސްވެރިކަމާއި ބެހޭ ގާނޫނުގެ ދަށުން މަނާ ކަމަކެވެ.