ފާއިތުވި ޖުލައި މަހުގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ އާއިލާއާ އެކު އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ކެއުމެއްގައި ތިއްބެވި ފޮޓޯއެއް ވިލުފުށީ އެއް އާއްމުކުރުމުން އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅާކީ ވިލިިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
ރިޔާޒު ކުރެއްވި ޓްވީޓެއްގައި އިންޑިޔާ ސަފީރަށް އަމާޒުކޮށް "އިދިކޮޅު ފަރާތްތަކާއެކު މި ކުރަނީ ކޮން މަޝްވަރާއެއް؟ ޖަލުން ނިކުމެ ޖެހިގެން އަންނަ ދުވަހު ސަފީރާއެކު، އަނެއް ދުވަހު މުޒާހަރާގައި،" ތޯ ސުވާލު އުފައްދެވިއެވެ.
ރިޔާޒުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިޝްރާ ކުރެއްވި ޓުވީޓެއްގައި ވަނީ މަހްލޫފެކޭ އެއްގޮތަށް ރިޔާޒަށް ވެސް ރޭގަނޑުގެ ކެއުމަކަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާޒްގެ ގެއަށް ވަޑައިގެން ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.
މިޝްރާގެ މި ދައުވަތާއި އެކު ރިޔާޒުގެ ރުޅިގަނޑު އިތުރަށް ފަޅައިގެން ދިޔައެވެ. "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވެފައި ވަނީ "ޓްވީޓެއް ކުރުމުން، ބޯން އަންނާށޭ، ކާން އަންނާށޭ ބުނެ، ދައުވަތު ދިނުމަކީ ކުރި މަލާމާތެއް" ކަމަށެވެ.
އަދި "ސަފީރުގެ ފައި ބުޑަކަށް ނުވެއްޓޭނެ" ކަމަށް ރިޔާޒު ވަނީ ވިދާޅުވެފައެވެ.
ބެލެވޭ ގޮތުގައި ރިޔާޒުގެ ރުޅިގަނޑު ފަޅައިގެން ދިޔައީ، ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު އެބޭފުޅާއަށް އެކަމާއި ގުޅިގެން ފާޑުކިޔުމުގެ ސަބަބުންނެވެ.
އިންޑިޔާ ސަފީރަށް ރިޔާޒު ބަހުގެ ހަމަލާތަކެއް ފޮނުވާލެއްވިތާ ގިނަ ދުވަސްތަކެއް ފަހުން މިޝްރާ މިވަނީ އަނެއްކާވެސް ރިޔާޒު ރަޝީދު ޓެގް ކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. މިފަހަރު ރިޔާޒު ރަޝީދަށް ފޮނުވާލެއްވީ ޢީދުގެ ތަހުނިޔާއެވެ. މިޝްރާގެ ޓްވީޓަށް ރިޔާޒު އަދި ރައްދު ދެއްވާފައެއް ނުވެއެވެ.
މިޝްރާގެ ޓްވީޓާއި ގުޅިގެން ސޯޝާލް މީޑީޔާގައި ގިނަ ބަޔަކު އެކަން ސިފަކުރަނީ ރިޔާޒު "ލަދުގަންނުވާލުން" ކަމުގައެވެ. އަދި އެއީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީގެ އުސޫލަށް އިހްތިރާމް ކުރުމަށް ރިޔާޒަށް ކުރެވުނު އިލްތިމާސެއްގެ ގޮތުގައެވެ.
އެހެން ނަމަވެސް މިކަމުގައި ރިޔާޒު ދެކިލައްވާ ގޮތެއް އެނގޭނީ އަނެއްކާވެސް އެބޭފުޅާގެ "ތަރުޖަމާއެއް" ނުވަތަ ރައްދެއް މިކަމާއި ބެހޭގޮތުން އާއްމު ކުރުމުންނެވެ.