ދިވެހި ކެބިން ކްރޫ އެކަޑަމީ (ޑީސީސީއޭ) އިން އައްޑޫގައި ކުރިއަށް ގެންދާ ކެބިން ކްރޫން ތަމްރީނު ކުރާ ކޯސް ފަށައިފި އެވެ.
ޑީސީސީއޭގެ ފައުންޑާ ހުސައިން ހަލީމް ވިދާޅުވީ ކެބިން ކްރޫން ތަމްރީނު ކުރުމަށް އައްޑޫގައި ކުރިއަށް ގެންދާ ފުރަތަމަ ޓްރޭނިން ބުރުގައި ބައިވެރިވެފައި ވަނީ 11 ޒުވާނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މި ކޯހުގެ މުއްދަތަކީ 12 ދުވަސް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިން މޮޑިއުލްއަކަށް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބޭސިކް ކޯހުގެ ފީއަކީ 3،855ރ. ކަމަށެވެ. އަދި 11 ދުވަހުގެ މުއްދަތަށް ހަތަރު މޮޑިއުލެއްގެ ދަށުން ކުރިއަށްގެންދާ އެޑްވާންސް ކޯހުގެ ފީއަކީ 7،710ރ. އެވެ.