Last Updated: April 19, 11:14
Friday, April 19, 2024
ކޮލަމް

ތާރީޚީ އާސާރުތަކާއި މައްކާ

މިއީ މީގެ ދިހަ އަހަރުކުރީން މާތްވެގެންވާ މައްކާގައި ހުރެގެން އަޅުގަނޑު ލިޔުނު ލިޔުމެކެވެ. އިހުގެ ލިޔުންތައް ހާވަމުން ބަލަމުން ދަނިކޮށް ކުއްލިއަކަށް މިލިޔުން މިއަދު ފެނުނީމާ އަލުން ޝާއިއުކުރާނީއޭ ހިތަށް އެރީއެވެ. މިލިޔުން ކުރީގައި ޝާއިއުކުރި ނޫހާއި އޮންލައިން މިހާރު ވުޖޫދަކުވެސް ނެތެވެ. އެ ނޫހަކީ ވުޖޫދުގައިވާ އެއްޗަކަށް ނުވުމާއި މިލިޔުމަކީ އަޅުގަނޑުގެ އަމިއްލަ ލިޔުމަކަށްވާތީ މިލިޔުމުގެ މައްޗަށް އަޅުގަނޑުގެ ފުރިހަމަ ހައްގު އެބައޮތްކަމަށް ބަލައިގެން އަލުން ޝާއިއުކުރަނީއެވެ. އަޅުގަނޑުމެން އެންމެހައި މުސްލިމުންނަށް ހެޔޮވިސްނުން މިންވަރު ކުރައްވާށިއެވެ. އެންމެހައި ބަލާމުސީބާތްތަކުން މިންޖުކުރައްވާށިއެވެ. އާމީން. (މުހައްމަދު ސިމާން)

މާތް ވެގެންވާ ދުވަސްވަރެއްގައި އަދި އެންމެ މާތްވެގެންވާ ބިމުގައި ހުރެގެން މިފަހަރު ލިޔުމެއް ލިޔާން ގަސްތުކޮށްގެން ގަލަން އުފުލައިލިހިނދު އާންމުކޮށް އަޅުގަނޑުގެ ސިކުނޑީގައި ދައުރުވާ ހައިޖާނުތައް ހަމައެއްގޮތަކަށްވެސް މިފަހަރު ރުޖޫއަވާ ގޮތެއް ނުވިއެވެ. އަޅުގަޑާ އެންމެ ދޯޅު މައުޒޫތައް މިފަހަރު ބީރައްޓެހި މައުޒޫތަކަށް ވެއްޖެއެވެ. އެނބުރި މާލެ ދެވުނު އިރަކުން އެ މައުޒޫތައް އަނެއްކާވެސް ސިކުނޑިއަށް އަތުވެދާނެ ތޯއްޗެކެވެ. ލިބުނު ފުރުސަތުގައި މިފަހަރު ލިޔާން ބޭނުންވަނީ އެހެން ވާހަކައެކެވެ. ފަހަރުގައި މިއީ އަޅުގަނޑު ކަހަލަ މީހަކު އިންސާފު ކުރަން އެންމެ އެކަށީގެންވާ ރުނބައަކަށް ނުވެ ހިނގައިދާނެ އެވެ. އެހެންކަމަށްވިޔަސް ފަރުވާލެއް ނެތެވެ. މިއޮތީ ދެން ފަށައިގަނެވިފައެވެ.

މައްކާއަކީ އިންސާނުން އެންމެ ފުރަތަމަ އާބާދުވި ރަށްރަށުގެ ތެރެއިން އެއްރަށެވެ. މާތްވެގެންވާ އިސްލާމްދީނުގެ ނޫރު އެންމެ ފުރަތަމަ ފައުޅުވީވެސް މައްކާއިންނެވެ. އިސްލާމީ ތާރީޚުގެ ފެށުމަކީ މައްކާ އެވެ. ކަންމިހެން އޮތްކަމުގައި ވިޔަސް މާތްވެގެންވާ ގެފުޅާއި އެ ގެފުޅުގެ ވަށައިގެންވާ ހަރަމްފުޅު ފިޔަވައި މައްކާގެ ތާރީޚު ދައްކައިދޭ އެހެން އާސާރެއް މިއަދު ފެންނާކަށް ނެތެވެ. އަޅުގަނޑުމެން އެންމެހައި މުސްލިމުންގެ ހައްގެއް ކަމުގައިވާ އިސްލާމީ ތާރީޚުގެ އެންމެ ފުރަތަމަ ބާބާ ގުޅިފައިވާ އާސާރުތައް ކޮބައި ބާވައެވެ. ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ ސަހާބީން އުޅުއްވި މުހިންމު ގެކޮޅުތަކުގެ ނިޝާންތައް ކޮބައި ބާވައެވެ. ހާޝިމް ވަންހައިގެ މީހުން ހައްޔަރުވި ޝިއުބު ނުވަތަ އަވަށުގެ ނިޝާންތައް ކޮބައި ބާވައެވެ. މިފަދަ އެއްވެސް ތަނެއްގެ އާސާރު މިއަދު ފެންނާކަށް ނެތެވެ.

މައްކާގެ އާސާރުތައް ދިޔަތަނަކާ މެދު އިސްލާމީ ދުނިޔެއަށް ޖަވާބުދާރީވާން ޖެހޭ ފަރާތަކީ ސައޫދީ ސަރުކާރެވެ. ހުސްވި މީލާދީ ސައްތައިގެ މެދުތެރޭގައި ނަޖުދު ކަރައިގެ ރަސްގެފާނު އަބްދުލްއަޒީޒު ހިޖާޒު ކަރަ ކޮންޓްރޯލް ކުރައްވައި މައްކާގެ އިމާމު ފަހައިލެއްވި ހިސާބުން މައްކާ އާއި މަދީނާގެ މައްޗަށް ހިނގަމުން އަންނަނީ އެ ޚާންދާނުގެ ރަސްކަމެވެ. މިއަދުވެސް ސައުދީ ރަސްކަމުގައި ހުންނެވީ އަބްދުލް އަޒީޒު ރަސްގެފާނުގެ ދަރިކަލެކެވެ. މި ރަސްކަމުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ކޮންމެހެން ހުންނާން ނުޖެހޭ އާސާރުތައް ތަޅައިލުމެވެ. ބިންމަތީގައި ދެމިހުންނާން ކޮންމެހެން ނުޖެހޭ ކަމަށް ސައުދީ ސަރުކާރަށް ގަބޫލު ކުރެވުނު އާސާރުތައް ތަޅައި ނައްތާލެވުނުއިރު ނުވަތަ މިހިސާބަށް އާދެވުނުއިރު ބޭރުން އަރާ މީހަކަށް މައްކާ ފެންނާން އޮތް ގޮތް މިއަދު މިފެންނަނީ އެވެ.

އިސްލާމީ އާސާރުތައް ހިމާޔަތް ކުރުމާމެދު ސައުދީ ސަރުކާރާއި އެ ސަރުކާރަށް ލަފާދޭ ދަންނަ ބޭކަލުންގެ ޚިޔާލު އިސްލާމީ ދުނިޔޭގެ އެހެން ހިސާބުތަކުގެ ގިނަ އިލްމުވެރިންނާ ވަރަށް ތަފާތެވެ. މި ތަފާތު އޭރުވެސް އޮތެވެ. މިހާރުވެސް އެބައޮތެވެ. ކުރިއަށް އޮތް ތަނުގައިވެސް ދެމިއޮންނާނެ އެވެ. ދެމިއޮތަކަސް ކުރެވޭނެ ކަމެއް ނެތެވެ.

ދީނީ ގޮތުން ހިމާޔަތް ކުރަން ކޮންމެހެން މަޖްބޫރު ނޫން ތަންތަން ތަޅައިލުމުގައި ސައުދީ ސަރުކާރުން ކުރިއަށް ނެރުނު އަދި މިހާރުވެސް ނެރެމުންދާ ހުއްޖަތަކީ އޭގެ އެކޮޅު މިކޮޅަށް ބަލައިފިނަމަ ކޮންމެވެސް ވަރެއްގެ ހިކުމަތެއް އެކުލެވޭ އެއްޗެއް ކަމުގައި ބުނެވިދާނެއެވެ. ސައުދީ ދަންނަ ބޭކަލުން ވިދާޅުވަމުން ގެންދެވީ އިސްލާމީ ތާރީޚާ ގުޅުން ހުރި އާސާރުތައް ދަމަހައްޓައިފިނަމަ ބިދުއަތަކަށް ޖާގަ ލިބި އެތަންތަނުގެ މުހިންމުކަން ބޮޑުވެ ޖާހިލުކަމުގެ އަނދިރީގައި ތިބެގެން ދީނުން ބޭރުގެ ކަންތައް ދީނުގެ ތެރެއަށް ވެއްދުމުގެ ރޫހު ބޮޑުވެގެން ހިނގައިދާނެ ކަމުގައެވެ.

މިއީ ތެދު ވާހަކައަކަށް ވެދާނެއެވެ. އެކަމުގެ ހެކި ކޮންމެވެސް ވަރަކަށް މިހާރުވެސް އެބަފެނެއެވެ. ހަރަމްފުޅުގެ އިމާމު ހަރަމްފުޅަށް ވަދެވަޑައިގަންނަވާއިރު އޭނާގެ ގައިކޮޅުގައި ބޮސްދީ ބަރަކާތް ލިބިގަތުމަށް ތެޅިފޮޅޭ މީހުން މަދެއް ނޫނެވެ. އެހެން ދީންތަކުގެ ފާދިރީންނަކީ ބަރަކާތް ލިބިގެންވާ ބައެއް ކަމަށް އެދީންތަކަށް ތަބާވާ މީހުން ގަބޫލުކުރާ ބީދައިން ހަރަމްފުޅުގެ އިމާމުގެ ބަރަކާތުން ބަރަކާތް ލިބިގަތުމުގެ އެދުމުގައި ސަފު ހަދައިގެން ތިބޭ މީހުންގެ އުނދަގޫ ކުޑައެއް ނޫނެވެ. މިކަމާހެދި އިމާމަށް ހަރަމްފުޅު ތެރެއަށް ވަދެވެނީވެސް ވަށައިގެން ސިފައިން ތިބެ އެމީހުންގެ ފުރިހަމަ ހިމާޔަތުގަ އެވެ.

ބިދުއަތަކަށް ޖާގަ ލިބި އަޅުކަމަކަށް ބައެއް މީހުން ބަލަން ފަށައިފާނެ އާސާރުތައް ނައްތައިލާއިރު އެނޫން އާސާރުތަކަށް ވެސް އޮތީ ހަމަ މި ހުކުމެވެ. އެގޮތުން ދާދި އިހަކަށް ދުވަހު ނައްތައިލެވުނު ތަނަކީ އުސްމާނީ ޚިލާފަތުގެ ދުވަސްވަރު ހަރަމްފުޅުގެ ހިމާޔަތަށްޓަކައި ހަރަމްފުޅާ ވަރަށް ގާތުގައިވާ ފަރުބަދައެއްގެ މަތީގައި ތުރުކީ ސިފައިން ބިނާ ކުރި ކޯއްޓޭއެއް ނުވަތަ ކިއްލާއެކެވެ. މި ތަން ތަޅައިލި މައްސަލައިގައި ތުރުކީ ސަރުކާރާއި ސައުދީ ސަރުކާރާ ދޭތެރޭ ނުހަނު ވަރުގަދަ އަރައިރުމެއްވެސް އޮތީ ހިނގައިފަ އެވެ. އަދިވެސް އެ އަރައިރުމުގެ އުދާސްތައް ފިނިވިކަން މުޅިން ކަށަވަރެއް ނޫނެވެ. އެ ކިއްލާ ހުރި ތަނުގައި މިހާރު އެހެރީ ބޮޑުވެގެންވާ ތަނަވަސް ޒަމާނީ ގަނޑުވަރެކެވެ.

ސައުދީ ރަސްކަމުގެ ފަރާތުން ގައުމުގެ ހުރިހާ ކަމެއް ޒަމާނީ ކުރަމުން ރީތި ކުރަމުންދާއިރު ހައްޖުވެރިންގެ ލުއި ފަސޭހައާ ގުޅޭ ހުރިހާ ކަމެއްވެސް އޭގެ ތެރޭގައި ހިމެނޭނެ ނަމަ ހާދަ ރަނގަޅޭ ގިނަ ބަޔަކު ބުނާނެ އެވެ. އެކަމަކު ހުރިހާ ކަމެއް އޮތީ އެހެން ކަމުގައި ބުނެވޭކަށް ވެސް ނެތެވެ. ފަރުބަދަތަކުގެ މަތިންނާއި އަޑިން ކިތަންމެ ޒަމާނީ ފުޅާ މަގުތަކެއް ހެދިފައިވިޔަސް އަދި ހައްޖުވެރިންގެ އިތުރު ލުއި ފަސޭހަތަކަށްޓަކައި އެތަކެއް ބިލިއަން ޑޮލަރު ޚަރަދު ކޮށްފައި ވިޔަސް ދަތުރުފަތުރުގެ ކަންތައް މިއޮންނަނީ ނުހަނު އުނދަގޫ ގޮތެއްގައެވެ. މި ޒަމާނަކީ މަތިން ސްކައި ޓްރޭނާއި ބިމުގެ އަޑިން މެޓްރޯ އާއި ހަމަބިމުން ބުލެޓް ޓްރޭން ދަތުރުކުރާ ޒަމާން ކަމުގައި ވިޔަސް މިކަހަލަ ރޭލްވޭ ވިޔުގައެއް ސައުދީ އަރަބިއްޔާއަކު ނެތެވެ.

އެތައް ގަޑިއިރެއްގެ ވަރުބަލި އުދުހުމަކަށް ފަހު ޖިއްދާއަށް ތިރިކުރާ ހައްޖުވެރިޔާ އިތުރު އެތައް ގަޑިއެއްގެ އިންތިޒާރަކަށް ފަހު މައްކާއަށް ދާން ގޮނޑިއެއް ލިބެނީ ކޮންމެވެސް ޒާތެއްގެ ބަހަކުންނެވެ. އެވަރުން އަދި ނުފުދެއެވެ. މަދީނާއަށް ދާން ވެސް އޮންނަނީ ހަމަ އެއްކަލަ ބަހެވެ. އަނެއްކާވެސް ކޮޅަކަށް އަށެއްކަ ގަޑިއިރުގެ ދިގު ދަތުރެކެވެ. މި ޒަމާނުގެ ލުއި ފަސޭހަގޮތް ތައާރަފުކޮށްފިނަމަ މިއީ އެއްގަޑިއިރަށް ނުވަތަ ދެ ގަޑިއިރަށް ކުރުކޮށްލެވިދާނެ ދަތުރެކެވެ.

މިކަންކަން ކުރަން ސައުދީ އަރަބިއްޔާގައި ފައިސާ އެބަހުއްޓެވެ. ވިސްނުންވެސް އެބަހުރިކަމަށް ހީވެއެވެ. އެކަމަކު ބަސް ދުއްވާ ކުންފުނިތައް ބަނގަރޫޓްވެ ނުފޫޒުގަދަ ބައެއް މީހުންގެ ވިޔަފާރި ހުއްޓިދާނެތީ އެކަންކަން ކުރަން ޖެހިލުންވަނީ އެވެ. ކޮންމެ ސަބަބަކާ ހެދިވިޔަސް އެކަން އަދިވެސް އޮތީ ނުކުރެވިއެވެ.