ހަރިކޭން ހާވީގައި އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ލިބުނު ގެއްލުން ފޫބައްދައިދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ފައިސާއިން އެއް މިލިއަން އެމެރިކާ ޑޮލަރު ސްޓޭޓަށް ހަދިޔާކޮށްފިއެވެ.
ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް ވިޔަފާރީގެ ގޮތުން މުއްސަނދިވެފައިވާ ޓްރަމްޕްގެ ފަރާތުން އެމެރިކާގެ ޗެރިޓީތަކަށް އެހީތެރިވާ މިންވަރު ދަށްވެފައިވާތީ ގިނަބަޔެއްގެ ފާޑުކިޔުންތައް ބިލިއަނަރަށް ވަނީ މީގެ ކުރިން އެކިފަހަރު މަތިން އަމާޒުވެފައެވެ.
ހަރިކޭން ހާވީގައި ގެއްލުން ލިބުނު ޓެކްސަަސް އަދި ލުއީސިއާނާގެ ރައްޔިތުންނަށް އެހީތެރިވެދިނުމުގެ ގޮތުން ޓްރަމްޕްގެ ފައިސާގެ އެހީ ދެ ސްޓޭޓުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުން ދެ ސްޓޭޓުގައި އޭނާއަށް ގެއްލިފައި އޮތް ތާއީދު ވަނީ އިތުރުވެގެން ގޮސްފައެވެ.
ހަރިކޭން ހާވީގައި ޓެކްސަސްގެ ބޮޑު ބަޔަކަށް ފެން ވަދެ އެތައް ލައްކަ ރައްޔިތުންނެއް ހާލުގައި ޖެހި، 100،000 އަށްވުރެ ގިނަ ގެދޮރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.