މިޔަންމާރު ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ގައުމު ދޫކޮށްދިޔަ އެތައް ހާސް ރޮހިންގްޔާ ރައްޔިތުން ބަންގްލަދޭޝް ބޯޑަރުގައި ތާށިވެފައި ތިއްބާ ސަރުކާރުގެ އޯޑަރަށް ބޯނުލަނބާ އެމީހުން ބަންގްލަދޭޝަށް ވެއްދުމުގެ މަސައްކަތް ބޯޑަރު ބަލަހައްޓާ ސިފައިން ފަށައިފިއެވެ.
އ.ދ އިން ލަފާކުރާ ގޮތުގައި 58،000 ރެފިއުޖީން މިޔަންމާރު ދޫކޮށް ބަންގްލަދޭޝްއަށް ވަނުމަށް އެގައުމުގެ ބޯޑަރު ކައިރިއަށް ވަނީ ގޮސްފައެވެ. ފުރަތަމަ ބޯޑަރު ބަލަހައްޓާ ސިފައިން ރެފިއުޖީންނަށް ގައުމަށް ނުވަދެވޭނެ ކަމަށް އަންގައި އަނބުރާ ގައުމަށް ދިއުމަށް ވަނީ އަންގާފައެވެ.
ނަމަވެސް މިހާރު ބޯޑަރު ބަލަހައްޓާ ސިފައިން ވަނީ އަނިޔާވެރިކަމުން ސަލާމަތްވުމަށް އައި ރެފިއުޖީންނަށް އެހީތެރިވެ ސަރުކާރާ ދެކޮޅަށް ބޯޑަރު ހުރަސްކޮށް ގައުމަށް ވަނުމަށް މަދަދުދާރު ވެފައެވެ.
ރޮހިންގްޔާގެ ސަރުކާރާ ދެކޮޅު މަދު ބަޔަކު އެގައުމުގެ ސިފައިންނަށް ހަމާލާ ދީ ފެށި މި "ހަނގުރާމަ" ބޮޑުވެ މިޔަންމާރު ސިފައިން ވަނީ ކުށެއް ނެތް އެތައް ބަޔެއްގެ ފުރާނަ ދުއްވާލާފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ތުއްތު ކުޑަކުދިންވެސް ހިމެނެއެވެ.