މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާ ދިވެހިންގެ ބަޔަކު މުޛްދަލިފާއިން މިނާއަށް ދިޔަ މަގުމަތީގައި ގްރޫޕާ ވަކިވެ ގެއްލުނު ހައްޖާޖީންގެ ތެރެއިން ދެ މީހަކު އަދިވެސް ފެނިފައިނުވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ދެ ހައްޖާޖީން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި އެކަމަށް ޚާއްސަ އޮފިޝަލުން މިނާ ހޯދަމުންދާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ. ދެ ހައްޖާޖީން ފިޔަވައި ދެން ގެއްލުނު ހުރިހާ ހައްޖާޖީން ހޯދައި ޓެންޓުތަކަށް ގެނެސްފައިވާ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ދިވެހި ހައްޖާޖީންގެ ތެރެއިން ގެއްލިފައިވަނީ ކޮން ބައެއް ކަމާއި ކިތައް ހައްޖާޖީން ކަމެއް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގެއްލުނު ހައްޖާޖީންގެ ތެރޭގައި ގ.އ ވިލިނގިލި ދެމަފިރިއަކު ހިމެނޭ ކަމަށާއި ދެމީހުންވެސް މިހާރު ހޯދިފައިވާ ކަމަށް އެނގިފައިވެއެވެ. ގެއްލުނު ދިވެހި ހައްޖާޖީއެއްގެ ކާޑު ފެނިގެން ބޭރު ގައުމެއްގެ ރައްޔިތަކުވެސް ވަނީ އެ މީހާ ދިވެހިންނާ ހަވާލުކޮށްދީފައެވެ.
ކޮންމެ އަހަރަކު އެތައް މިލިއަން މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާ އަށް ދަތުރުކުރާއިރު ދިވެހި ހައްޖާޖީން ގްރޫޕާ ވަކިނުވުމަށް އަބަދުވެސް ގްރޫޕްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.