ބޭންކް އޮފް މޯލްޑިވްސްއިން ފޯރުކޮށްދޭ އިންޓަނެޓް ބޭންކިންގެ ޚިދުމަތަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް މުޅި ރާއްޖޭގައި ކެމްޕޭނެއް ފަށައިފިއެވެ.
ރާއްޖޭގެ އެންމެ ދެކުނުން ފެށި މިކެމްޕޭނު ފުވައްމުލަށް ސިޓީއިން ފަށާފައިވާއިރު ފުރަތަމަ ރޯޑް ޝޯ ފުވައްމުލަކުގައި ބާއްވާފައިވަނީ އީދު ދުވަހުގައެވެ.
ފުވައްމުލަކާއި އައްޑޫއިން މި ކެމްޕޭނު ފެށުމަށް ބީއެމްއެލް އިން ނިންމާފައިވާއިރު އިއްޔެއާއި މިއަދު އަދި މާދަމާވެސް އައްޑޫގެ ރަށްތަކުގައި މި ރޯޑް ޝޯ ކުރިއަށްދާނެއެވެ. އިއްޔެ ހުޅުމީދޫގައި ކުރިއަށް ގެންގޮސްފައިވާއިރު މިއަދު ހިތަދޫގެ ދެ ސަރަހައްދެއްގައި ރޯޑް ޝޯ ކުރިއަށްދާނެއެވެ. އަދި މާދަމާ ފޭދޭ އާއި މަރަދޫގައިވެސް މި ރޯޑް ޝޯ ކުރިއަށްދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދީފައިވެއެވެ.
މިއަދު ހިތަދޫއިން މި ކެމްޕޭނުގެ ދަށުން މައުލޫމާތު ދެމުންދާނީ މަލްޓި މާޓް ކުރިމަތިންނާއި އާގަލާ މާޓް ކުރިމަތިންނެވެ. މިއަދު ހެނދުނު 10 އިން ފެށިގެން އިރުއޮއްސި 6 ޖަހަންދެން މި ކެމްޕޭނު ކުރިއަށްދާނެއެވެ.
ކަސްޓަމަރުން އިންޓަނެޓް ބޭންކިންއާއި ބެހޭގޮތުން އޮޅުންފިލުވަން ޖެހޭ އެއްވެސް ކަމެއް އޮތް ނަމަ މިއަދު މި ދެ ސްޓޭޝަނުން މައުލޫމާތު ހޯދުމަށް ބޭންކުންވަނީ އެދިފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ 24 ގަޑިއިރު ޚިދުމަތްދޭ ކޮންޓެކްޓް ސެންޓަރެއްވެސް ވަނީ އައްޑޫގައި ގާއިމުކުރެވިފައެވެ.