އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅެމުންދާ ވޯލްޑް ކަޕް ކޮލިފިކޭޝަންސްގައި ރޭ ސްޕެއިން އަދި އިޓަލީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-3 އިން ސްޕެއިން ކާމިޔާބުކޮށްފިއެވެ.
އިސްކޯއަދި މޮރާޓާގެ ލަނޑުތަކުން ސްޕެއިން މޮޅުވެފައިވާއިރު މެޗު ފެށިގެން މާގިނައިރުތަކެއް ނުވެ އިސްކޯ ވަނީ ލީޑު ނަގާދީފައެވެ. 13 ވަނަ މިނެޓުގައި އިސްކޯގެ ފުރަތަމަ ގޯލު ފެނިގެން ގޮސްފައިވާއިރު 40 ވަނަ މިނެޓުގައި އޭނާ ވަނީ ރޭގެ މެޗުގައި އޭނާގެ ދެވަނަ ގޯލު ޖަހާފައެވެ.
ސްޕެއިންގެ ފަހު ގޯލު ފެނިގެން ގޮސްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މޮރާޓާގެ ފަރާތުންނެވެ. މިމެޗުން މޮޅުވުމާއެކު ސްޕެއިންއަށް ވަނީ ކޮލިފައިވުމުގެ ފުރުސަތު ބޮޑުވެފައެވެ.
ކުޅުނު 7 މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެ ސްޕެއިންއަށް ވަނީ 19 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ލިބިފައެވެ. ގްރޫޕުގެ އެއްވަނަ ކޮލިފައިވާއިރު ދެވަނައާއި ތިންވަނަ ޓީމަށް ޕްލޭއޮފްގެ ފުރުސަތެއް ލިބޭނެއެވެ.