Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޗެރިޓީ މެޗެއްގައި މޮރީނިއޯ ބައިވެރިވެއްޖެ

އިނގިރޭސި ވިލާތުގެ ގްރެންފެލް ޓަވާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭއްވި ޗެރިޓީ މެޗެއްގައި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ޖޯސޭ މޮރީނިއޯ ބައިވެރިވެއްޖެއެވެ.

މަޝްހޫރު ތަރިންނާއި ކުރީގެ ކިއުޕީއާރު ޓީމަށް ކުޅުނު ކުޅުންތެރިންނާ ދެމެދު ކުޅުނު އެކުވެރިކަމުގެ މިމެޗުގައި މޮރީނިއޯ ކުޅެފައިވަނީ ގޯލު ކީޕަރުގެ މަގާމުގައެވެ.

މޮރީނިއޯގެ ޓީމު 3-5 އިން ޕެނަލްޓީގައި ބަލިވިނަމަވެސް މޮރީނިއޯ ފޮނުވި ޕެނަލްޓީ އޭނާ ވަނީ ގޯލުގެ ތެރެއަށް ވައްދާފައެވެ. އޮލިމްޕިކް ގޯލްޑް މެޑަލިސްޓް، މޯ ފަރަހް ވެސް ބައިވެރިވި މިމެޗުގައި އޭނާ ވަނީ ގޯލެއްވެސް ޖަހާފައެވެ.

މަޝްހޫރު ފިލްމީތަރި ޖޭމީ ޑޯނަންއާއި ޑޭމިއަން ލެވިސް އަދި ރެޗް 32 ފަދަ މަޝްހޫރު ފަންނާނުން ވަނީ މިމެޗުގައި ބައިވެރިވެ ފައިސާ ހޯދުމަށް އެހީތެރިވެފައެވެ.

މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ގްރެންފެލް ޓަވާގައި ހިނގި އަލިފާނުގެ ހާދިސާގައި 80 މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ބަޔެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެއެވެ.