Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

ލޯ ފެކަލްޓީ ގާއިމް ކުރުމާ ގުޅޭ އެމްއޯޔޫގައި ސޮއިކޮށްފި

މިއަދު ކައުންސިލްގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އިޔާސް

މޯލްޑިވްސް ލޯ އިންސްޓިޓިއުޓާއި، ވިލާ ކޮލެޖް ގުޅިގެން ހުޅުމީދޫގައި ފެށުމަށް ހަމަޖެހިފައިވާ ލޯ ފެކަލްޓީ އާ ގުޅޭ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި މިއަދު އޮތް ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓް އާއި، އައްޑޫ ސިޓީ ކައުންސިލާއި، ވިލާ ކޮލެޖް އަދި އެސްޓީއޯއެވެ.

މޯލްޑިސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ އެ އިންސްޓިއުޓުގެ ފައުންޑަރ އަލްއުސްތާޒު ހުސްނުއް ސުއޫދުއެވެ. އައްޑު ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެވެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ވިލާ ކޮލެޖްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އެކޮލެޖްގެ ރެކްޓަ ޑރ. އަހުމަދު އަންވަރެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދް އަލީ (ޝާޑް) އެވެ.

މި ރަސްމިއްޔާތުގައި ހުސްނުއް ސުއޫދު ވިދާޅުވީ މޯލްޑިވްސް ލޯ ކޮލެޖަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ހުޅުމީދު އަށް ވަޑައިގެން އެ ރަށުގައި މިފަދަ ކޮލެޖެެއް ގާއިމް ކުރެއްވުމަށް ނަޝީދު ފެއްޓެވި މަސައްކަތެއްކަމަށެވެ.

ސުއޫދު ވިދާޅުވީ މޯލްޑިވްސް ލޯ އިންސްޓީޓިއުޓުން ހުޅުމީދޫގައި ގާއިމް ކުރާ ކޮލެޖްގައި ކިޔަވައިދިނުމަށް ތައްޔާރު ކުރެވިފައިވާ ސިލަބަހަކީ މިވަގުތު ރާއްޖޭގައި ކިޔަވައި ދެވޭނެ އެންމެ ފެންވަރު ރަނގަޅު ސިލަބަސް ކަމަށެވެ.

"އަޅުގަނޑުމެން މިކޮލެޖްގައި ކިޔަވައި ދިނުމަށް ތައްޔާރުކޮށްފައިވާ ސިލަބަހަކީ މި ވަގުތު ރާއްޖޭގައި ތައްޔާރު ކުރެވިަފއިވާ މިފަދަ އެންމެ ފެންވަރު ރަނގަޅު ސިލަބަސް، ކުރިއަށް އޮތް ދެ ހަފްތާ ތެރޭ އަޅުގަނޑުމެން މި ބަލަނީ މި ސިލަބަސް އެޕްރޫވް ވާނެ ކަމަށް،" ސުއޫދު ވިދާޅުވި އެވެ.

މިއަދު ކުރެވުނު އެމްއޯޔޫ އާއި ގުޅޭ ގޮތުން ސުއޫދު ވިދާޅުވީ މި އެއްބަސްވުމަކީ ސިޓީ ކައުންސިލާއި، ވިލަ ކޮލެޖް އަދި އެސްޓީއޯ ގުޅިގެން މި ކޮލެޖް ކާމިޔާބް ޕްޮރެޖެކްޓަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ވެ ވުނު އެއްބަސް ވުމެއް ކަމަށެވެ.

މޯލްޑިސް ލޯ ކޮލެޖްގެ ކިޔެވުން އަންނަ މެއި މަހު ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މިއަދުން ފެށިގެން ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ސުއުދޫ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު ސޯބެ ވިދާޅުވީ އައްޑޫގައި ލޯ ކޮލެޖް ހުޅުވިގެން ދިއުމަކީ މި ސިޓީގެ ތަރައްޤީ އަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މިކަން ކާމިޔާބު ކުރުމަށް ކައުންސިލުން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.

ވިލާ ކޮލެޖްގެ ފަރާތުން ޑރ އަހުމަދު އަންވަރު ވިދާޅުވީ މިފަދަ ބޮޑު މަސައްކަތް ތަކަކީ އެއްފަރާތަކަށް ކުރެވޭނެ ވަރަށް ވުރެ ބޮޑެތި ކަންކަން ކަމަށެވެ. އަދ އެކަން ކާމިޔާބު ކުރެވޭނީ އެންމެން ގުޅިގެން ކަމަށެވެ.
އެގޮތުން އަންވަރު ފާހަނގަ ކުރެއްވި ކަންކަމުގެ ތެރޭގައި ކުރިން އައްޑު އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުލީމު ލިބި ގަތުމަށް ގިނަ އަދަދެއްގެ ބަޔަކު އައިސްފައިވާ ކަމަށް ވިދާޅުވެ އެކަން ތަކުރާރު ކުރުމަށް ބާރުއެޅުމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ޝާޑް ވިދާޅުވީ މި ލޯކޮލެޖް ގާއިމް ކުރުމުގެ މަަސައްކަތަކީ އެސްޓީއޯގެ ބޯޑުގެ ބޮޑު އެއްބާރުލުމާ އެކު ކުރެވުނު ކަމެއް ކަމަށް ވިދާޅުވި އެވެ.
އަދި އެސްޓީއޯގެ ސީއެސްއާރްގެ ދަށުން މި މަސައްކަތް ކާމިޔާބު ކުރުމުގައި މޯލްޑިވްސް ލޯ ކޮލެޖާ އެކު ތަފާތު މަޝްވަރާކޮށް މިއަދު މިކަން ކާމިޔާބު ވެފައިވާ ކަމަށް ވިދާޅުވި އެވެ.