Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

"ނިކަން ނިހާނާއި އަދުރޭގެ މައްސަލަ ވެސް ތަހުގީގުކޮށްބަލަ"

މި ރާއްޖޭގައި ރިޝްވަތު ހިފާ މީހުންގެ މައްސަލަ ނުބަލަނީ ކީއްވެތޯ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ކަމާ ބެހޭ ފަރާތްތަކާއި ސުވާލުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިބްރާހިމްދީ މިއަދު ކުރި ޓުވީޓެއްގައި ގާސިމާއި ފާރިސްގެ މައްސަލަ ބެލި ފަދައިން ނިހާނާއި އަދުރޭގެ މައްސަލަވެސް ތަހުގީގުކޮށް ބެލުމަށް ގޮވާލާފައިވެއެވެ.

"ރާއްޖޭގައި ރިޝްވަތު ހިފާ މީހުން ކުށްވެރި ނުވަނީ ކީއްވެބާ؟ ނިކަން ގާސިމްއާއި ފާރިސް ފަދައިން ނިހާނާއި އަދުރޭމެން ތަހުގީގު ކޮށްލަބަލަ"

އިބްރާހިމްދީގެ ފާޑުކިޔުންތައް ކަމާ ބެހޭ ފަރާތްތަކަށް އަމާޒުވެފައިވާއިރު މީގެ ކުރިން އެކި ފަހަރު މަތިން ނިހާން ވަނީ ކުރީގެ ނައިބު ރައީސް އަދީބު މަގާމުގައި ހުންނެވިއިރު އެމަނިކުފާނު އަތުން ފައިސާ ބައްލަވައިގެންފައި ކަމަށް އަޑު ފެތުރިފައިވެއެވެ. ނަމަވެސް ނިހާން ވަނީ އެހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.

އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަޙީމް އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަދީބާއި ދެކެވުނު އޯޑިއޯއެއްވެސް ދާދި ފަހުން ވަނީ ލީކުވެފައެވެ. އެ އޯޑިއޯގައި އިންތިޚާބެއް ކާމިޔާބުކުރުމަށް ދެ އާއިލާއަކަށް "އެތިކޮޅުތަކެއް" ހޯދައިދިނުމަށް އަދުރޭ އަދީބު ކައިރިން އެދިފައިވާ ކަމަށް އަޑުފެތުރިފައިވެއެވެ. ނަމަވެސް އަދުރޭ ވަނީ އެއީ އޭނާ ދެއްކި ވާހަކައެއް ނޫން ކަމަށާއި "އެތިކޮޅުތަކުގެ" މާނަ އެނގޭނީ ލީކު ކޮށްލި މީހުންނަށް ކަމަށްބުނެ ތުހުމަތުތައް ދޮގުކޮށްފައެވެ.