ހުޅުމީދޫން މި އަހަރުތެރޭ 100 ގޯތި ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ތަފާތު މަސައްލަތަކާ ހެދި ގޯތި ދޫކުން މެދުކެނޑިފައިވީ ނަމަވެސް އެ މަަސައްލަ ހައްލު ކުރުމަށް ފަހު މި އަހަރުތެރޭ ގޯތި ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ހުޅުމީދޫން ގޯތި ހޯދުމަށް އެދި 300 އެއްހާ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފޯމުތައް ބެލުމަށް ފަހު 100 ގޯތި ދޫކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ހުޅުމީދޫގައި ހުންނަ އެންވަޔަރަމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް ސެކްޝަނަށް އަންގާފައިވާ ކަމަށެވެ.
ސޯބެ އިތުރަށް ވިދާޅުވީ ގޯތި ދޫކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކައުންސިލަށް ކުރިމަތި ވެފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މައްސަލަ ވަަރަށް ބޮޑު ކަމަށް ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވި ފޯމްތައް އިވެލުއޭޓް ކުރުމުގައި ބޮޑެތި ދަތިތަކެއް ހުރުމުން މިހާރު ދޫކުރާ ފޯމްތަކަށް ބަދަލު ގެނެސް އިގްރާރު ފޯމަކަށް ދާން ޖެހޭ ކަމަށެވެ.
ސޯބެ ވިދާޅުވީ މި މައްސަލައަށް ހައްލެއް ލިބިގެންދާނީ އިގްރާރެއް އޮވެފަ އޭގެއިން ދޮގު މައުލޫމާތު ދީފިކަން ސާބިތުވެއްޖެނަމަ އެހިސާބުން އެފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެގޮތަކަށް އޮވެގެންނެވެ.
ހުޅުމީދޫން މިދިޔަ އަހަރު ދޫކުރަން އިއުލާން ކުރި ގޯތިތައް ލިބުން ލަސްވުމުގެ ޝަކުވާ ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.