Last Updated: June 29, 13:53
Monday, June 29, 2026
ދުނިޔެ

ބޯކޮށް ވާރޭ ވެހި ބެންގަލޫރުގައި ފެންބޮޑުވެއްޖެ

އިންޑިއާގެ ދެކުނު ކަރްނާޓަކާ ސްޓޭޓްގައި އޮންނަ ބެންގަލޫރު ސިޓީ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން އެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

އެގޮތުން އިއްޔެވެސް ހެނދުނުއްސުރެ ހުއްޓުމެއްނެތި ވެހެމުން ދިޔަ ވާރައިގެ ސަބަބުން ބެންގަލޫރުގެ ބައެއް ސަރަޙައްދުތައް ކަމަށްވާ ކޮރަމަންގަލާ، އެޗްއެސްއާރް ލޭއައުޓް އަދި އަނޫގްރަހާ ލޭއައުޓްގެ ގިނަ ގޭތަކަށް ފެން ވަދެވައިފާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އެހެންނަމަވެސް މި ވިއްސާރާއިގައި މިހާތަނަށް އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ފެން ވަނުމުގެ ސަބަބުން އިއްޔެ އެ ގޭތަކުގެ ގިނަ ސާމާނުތަކަކަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ގޭތެރޭގައި ބޭނުންކުރާ ކަރަންޓް ސާމާނާއި، އެޕާޓްމަންޓްތަކުގެ ބޭސްމެންޓްގައި ޕާކް ކޮށްފައި ހުރި ކާރުތަކާއި ދެފުރޮޅުލީ އުޅަނދުތައް ވަނީ މިހާރު ފެނު އަޑީގައެވެ.

މީގެ އިތުރުން ބެގޫރް ކޯރައިގެ ވަށައިގެންވާ ފަސްގަނޑު ގިރުމުގެ ސަބަބުން އެ ސަރަޙައްދުގައި ވެސް ވަނީ ފެންބޮޑުވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކަށް ބެންގަލޫރުގެ މާޔަރ ޖީ ޕަދްމާވަތީ ޒިޔާރަތް ކުރުމުން، އެ ސަރަޙައްދުތަކުގައި ދިރިއުޅެމުންދާ ރައްޔިތުން ވަނީ އެތައް ޝަކުވާ އެއް ކޮށްފައެވެ.

ކުރިއަށް ހުރި ދުވަސްތަކުގައި ވެސް ބެންގަލޫރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ލަފާކުރެއެވެ.