އިންޑިއާ އާއި ބަންގްލަދޭޝް އަދި ނޭޕާލް ގައި ފެންބޮޑުވުމުގެ ސަބަބުން 16 މިލިއަނަށް ވުރެ ގިނަ ކުޑަކުދިންނަށް އެހީތެރިކަން ބޭނުންވެފައިވާ ކަމަށް އދ. ގެ އޭޖެންސީ އެއް ކަމަށްވާ ޔުނިސެފް އިން ބުނެފި އެވެ.
ޔުނިސެފް ގެ ދެކުނު އޭޝިއާގެ ސަރަޙައްދީ ޑައިރެކްޓަރު ވިދާޅުވި ގޮތުގައި އެތައް މިލިއަން ކުޑަކުދިންގެ ދިރިއުޅުން ވަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލިފައި ކަމަށެވެ. އެކުދިންގެ ގެތަކާއި ސްކޫލްތަކާއި އާއިލާގެ އިތުރުން ގާތްތިމާގެ އެހެނިހެން މީހުން ވެސް ވަނީ ގެއްލިފައެވެ. ވިއްސާރަ މިހާރު މިސްރާބު ޖަހަމުން ދަނީ ދެކުނަށް ކަމަށް ވުމުން، ކުރިއަށް އޮތް ތަނުގައި އެކަމުގެ ނުރައްކާ އިތުރަށް ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން އޮގަސްޓް މަހުގެ މެދު ތެރެއިން ފެށިގެން މިހާތަނަށް އެކަނިވެސް 1،288 މަރު ވަނީ ރެކޯޑް ކުރެވިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ގުޅިގެން މިހާރު ބޭނުން ނުކުރެވޭ ތަންތަނުގެ ތެރޭގައި މަގުތަކާއި، ބްރިޖްތަކާއި ރެއިލްވޭތަކުގެ އިތުރުން އެއާޕޯޓްތައް ވެސް ހިމެނެ އެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެންމެ ބޮޑަށް ބޭނުން ވަނީ ބަލިތައް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ސާފު ފެނާއި ސާފުތާހިރުވުމަށް ބޭނުންކުރާ އެހެނިހެން ސާމާނެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި ކުޑަކުދިން ކުޅެން ތިބޭނެ ރައްކާތެރި ތަންތަން ވެސް ބޭނުންވާ ކަމަށް ޔުނިސެފް އިން ބުނެއެވެ.
އިންޑިއާގެ އުތުރުގައި އޮންނަ ހަތަރު ސްޓޭޓަކަށް ވަނީ ފެންބޮޑުވުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެގޮތުން އެ ސަރަޙައްދުތަކުގައި 31 މިލިއަން މީހުންނަށް މިކަމުގެ އަސަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި 12.33 މިލިއަން ކުޑަކުދިން ވެސް ހިމެނެއެވެ. ގާތްގަނޑަކަށް 805،183 ގެއެއް ވަނީ ކޮންމެވެސް ވަރަކަށް ނުވަތަ މުޅިން އެއްކޮށް ހަލާކުވެފައެވެ. އަދި 15،455 ސްކޫލް ވެސް ވަނީ މުޅިން އެއްކޮށް ހަލާކުވެފައެވެ. އޭގެ ސަބަބުން ގާތްގަނޑަކަށް އެއް މިލިއަން ކުދިންގެ ތަޢުލީމް ވަނީ ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައެވެ. މުމްބާއީ ގައި ވިއްސާރަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަސް މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ.
އަވަށްޓެރި ބަންގްލަދޭޝްގައި އެކަނިވެސް 8 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 3 މިލިއަން ކުޑަކުދިން ހިމެނެއެވެ. ލަފާކުރެވޭ ގޮތުގައި 696،169 ގެއަކަށް ވަނީ ގެއްލުން ލިބި ނުވަތަ މުޅިން ހަލާކުވެފަ އެވެ. މީގެ އިތުރުން 2،292 ސްކޫލެއް ވެސް ވަނީ ހަލާކުވެފައެވެ. އެޤައުމުގައި ފެނުގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ 13،035 މައްސަލައެއް ވެސް ވަނީ ރިޕޯޓް ކުރެވިފައެވެ.
މީގެ އިތުރުން ނޭޕާލްގައި 680،000 ކުޑަކުދިން ހިމެނޭގޮތަށް 1.7 މިލިއަން މީހުންނަށް ވަނީ ފެންބޮޑުވުމުގެ އަސަރުތައް ކޮށްފައެވެ. އެގޮތުން 352،738 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި 185،126 ގެއާއި 1،958 ސްކޫލެއް ވަނީ މުޅިން އެއްކޮށް ހަލާކުވެފައެވެ. އޭގެ ސަބަބުން 253،605 ކުޑަކުދިންގެ ކިޔެވުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.