"މޭޑޭ" މުޒާހަރާގައި ދެއްކެވި ވާހަކަ ތަކާއި ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ބާރީ އަށް ގަބޫލުކުރެވިގެން 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި މެދު އަމަލުކުރަމުންދާ ގޮތާއި މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ބޮޑެތި ކުށްވެރިންނާއި އެކު އިންތިހާއަށް ބުރައިގައި ބަންދުކޮށްފައިވާ
އިމްރާނަށް މިހާރަށް ވުރެ ބޮޑު ލުޔެއް ދޭން ޖެހޭ ކަމަށެވެ.
ޝެއިހް އިމާރާން ފާއިތުވި ރޯދަ މަހަށް ގެއަށް ބަދަލު ކުރެއްވުމަށް ފަހު ރޯދަމަސް ނިމުމުން ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. އަދި ގެއިން ނިކުމެވަޑައިގަންނަވަމުން ރާއްޖެޓީވީއަށް އިންޓަވިއު އެއް ދިނުމާއި ގުޅިގެން އިމްރާނާއި މެދު ވަރަށް ހަރުކަށި ގޮތަކަށް ސަރުކާރުން ގެންދަނީ އަމަލު ކުރަމުންނެވެ.
އެގޮތުން މާފުށީގެ ކުޑަ ކޮޅިއަކަށް ބަދަލު ކޮށްފައި ވާއިރު އިމްރާނު ބަންދުކޮށްފައި ހުރި ޔުނިޓްގައި ދެން ތިބެނީ މީހުން މެރުމާއި ބޮޑެތި ކުށްތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ.
މީގެ އިތުރުން ވަކީލުންގެ ބައްދަލުވުމަށް ފުރުސަތު ދޭއިރު ވެސް އިމްރާން ހުންނަވަނީ ބިޑި އަޅުވާފައެވެ.