މިޔަންމާގެ މުސްލިމުންނަށް ކުރާ ލާއިންސާނީ އަނިޔާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ރާއްޖެއާއި މިޔަންމާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލައިފިއެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޮހިންގްޔާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެ ކުރިންވެސް އެކި ފަހަރު މަތިން ރޮހިންގްޔާ މުސްލިމުންނަށް އެގައުމުގައި އަނިޔާވެރި މިލިޓްރީ ޖަމާއަތްތަކުން މިފަދަ ލާއިންސާނީ އަމަލުތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ދިވެހިން ގަބޫލުކުރާ ގޮތުގައި މިޔަންމާގެ މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓުވަން ބައިނަލްއަގުވާމީ ދުނިޔެ އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އަދި މިޔަންމާ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާ ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ދިވެހި ސަރުކާރާއި މިޔަންމާ ސަރުކާރާ ދެމެދު އޮތް ހުރިހާ ވިޔަފާރީގެ ގުޅުން ވަގުތުން ކަނޑާލުމަށް ނިންމާފައިވާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.