Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ބެލްޖިއަމް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އަންނަ އަހަރު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް 2018 އަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ބެލްޖިއަމްވެއްޖެއެވެ.

ރޭ ބެލްޖިއަމް އާއި ގްރީސް ބައްދަލުކުރި މެޗުން ބެލްޖިއަމް 1-2 އިން މޮޅުވެ، ކުޅުނު 8 މެޗުގެ ތެރެއިން 7 މެޗުން މޮޅުވެ ބެލްޖިއަމް ވަނީ ދެވަނައިގައި އޮތް ބޮސްނިއާއާ 8 ޕޮއިންޓުގެ ފަރަގެއް ގާއިމުކޮށްފައެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ ދެމެޗު އޮތް ނަމަވެސް ދެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް ބެލްޖިއަމް ވައްޓާނުލެވޭނެއެވެ. ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބެލްޖިއަމް ޓީމުން ވަނީ މިފަހަރުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ރޭގެ މެޗުގައި ގޯލުތައް ޖަހާފައިވަނީ ބެލްޖިއަމް ޓީމުން ވާޓޮންގެން އަދި ލުކާކޫއެވެ. ގްރީސްގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ޒެކާގެ ފަރާތުންނެވެ.

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ފްރާންސާ ލަކްޒެންބާގް ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. ޕޯޗުގަލްއާއި ހަންގޭރީ ކުޅުނު މެޗު ޕޯޗުގަލް ވަނީ 0-1 އިން ކާމިޔާބުކޮށްފައެވެ.

މިރޭ ޖަރުމަނު ކުޅޭ މެޗުން ޖަރުމަނު މޮޅުވެއްޖެނަމަ ޖަރުމަނުވެސް ވޯލްޑް ކަޕަށް ކޮލިފައިވެގެންދާނެއެވެ. ޖަރުމަނު މިރޭ ނިކުންނާނީ ނޯވޭއާ ދެކޮޅަށެވެ.