Last Updated: June 9, 10:38
Tuesday, June 9, 2026
ރިޕޯޓް

ފޭދޫ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނުފެށި 2017 ނިމެނީ!

2017 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ މަޝްރޫޢެއް
އެޕްރީލް މަހު އައިބީ ވިދާޅުވީ މަސައްކަތް "ފެށިފައިވާ" ކަމަށް
ހައުސިން ޔުނިޓް އަޅަން ބުނީ ފޭދޫ އިން އަލަށް ހިއްކި ބިމުގައި
ފޭދޫ އިން ހިއްކި ބިމުގެ ލޭންޑް ޔޫޒޭޖް ޕްލޭން ވަނީ ނިމިފައި

އައްޑޫ ސިޓ، ފޭދޫ. އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫ ސިޓީ، ފޭދޫގައި 100 ހައުސިން ޔުނިޓް މަސައްކަތް 2017 ވަނަ އަހަރަށް ލަފާކުރި ބަޖެޓުގައި ހިމެނި ނަމަވެސް އެ މަސައްކަތް ނުފެށި ލަސްވާތީ ފޭދޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

ގެދޮރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ފޭދޫގައި 100 ހައުސިން ޔުނިޓް އެޅުމަށް ހަމަޖައްސާފައި ވަނީ، ފޭދޫ އިން އަލަށް ހިއްކި ބިމުގައި ކަމަށް މީގެ ކުރިން ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބަޖެޓުގައި ހިމެނި ނަމަވެސް މަސައްކަތް ނުފެށޭތީ ރައްޔިތުންގެ ޝަކުވާތައް ކުރިމަތިވާން ފެށުމުން ހައުސިން މިނިސްޓްރީން "ބަހަނާއެއް"ގެ ގޮތުގައި ދައްކަމުން އައީ ފޭދޫ އިން އަލަށް ހިއްކި ބިމުގެ ލޭންޑް ޔޫޒް ޕްލޭން ނިމިފައި ނުވުމެވެ.

އެހެން ނަމަވެސް 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފޭދޫ އިން ހިއްކި ބިމުގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލައި ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އައިބީ އެޕްރީލް މަހު ވިދާޅުވީ ހައުސިން ޔުނިޓްގެ މަސައްކަތް "ފެށިފައިވާ" ކަމަށް

އަލީ ހަނީޒު (ބޮއްކާ)ގެ ކެމްޕެއިން ބައްދަލުވުމުގައި އައިބީ ވާހަކަ ދައްކަވަނީ. ފޮޓޯ: އަހްމަދް ޒިޔާދް

ކައުންސިލް އިންތިހާބުގެ ދުވަސްވަރު، (2017ގެ އޭޕްރީލް 29ގައި) 100 ހައުސިން ޔުނިޓްގެ މަސައްކަތް "ފެށިފައިވާ" ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ(އައިބީ) ވިދާޅުވި ނަމަވަސް ހައުސިން ޔުނިޓް އެޅުމަށް އެއްވެސް މަސައްކަތެއް ފޭދޫގައި ފަށާފައެެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކައުންސިލް އިންތިހާބުގެ ފަހުން އައިބީ ވެސް ފޭދޫ 100 ހައުސިން ޔުނިޓްގެ ވާހަކަ ނުދައްކަވާ ކަމެވެ.


ފޭދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ ޕްރޮޖެކްޓަކީ، 2017 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ބަޖެޓް ކުރެވިފައިވާ 600 ހައުސިން ޔުނިޓުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެކެވެ.

600 ހައުސިން ޔުނިޓްގެ މަޝްރޫޢާއި ބެހޭގޮތުން 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހު ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ "އިރާދަކުރެއްވިއްޔާ 2017 ވަނަ އަހަރުގެ ކުރީކޮޅުު އަށް ރަށުގެ 600 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރާނެ" ކަމަށެވެ.

އަދި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢަކީ 2017 ވަނަ އަހަރު ކުރިއަށް ގެންދާނެ އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ.

ފްލެޓުތަކުގެ މަސައްކަތް ފެށޭނެ ދުވަހެއް ހައުސިން އައްޑޫ ޔުނިޓަކަށް ވެސް ނޭނގޭ

 

މަސައްކަތް ނުފެށި ލަސްވަމުންދާ ސަބަބު އޮޅުންފިލުވުމަށް ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓަށް ގުޅުމުން އެކަމާއި ގުޅޭ މައުލޫމާތު އެ ޑިޕާޓްމަންޓަށް ވެސް އެނގޭ ކަމަކަށް ނުވިއެވެ. ލަފާދެއްވީ ހައުސިން މިނިސްޓްރީގެ މާލޭ އޮފީހަށް ގުޅައިގެން އޮޅުން ފިލުވުމަށެވެ.

'އައްޑޫލައިވް'ގެ ފަރާތުން ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު ހަސަން ނާޒިލަށް ގުޅުމުން ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނާޒިލް ބުނެފައި ވަނީ، "މައުލޫމާތު އޮޅުންފިލުވުމަށް ފަހު ފަހުން ގުޅާނެ" ކަމަށެވެ.