Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ހައްޖާޖީން ބުދަ ދުވަހު އެނބުރިން އަންނަން ފަށަނީ

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހައްޖާޖީންގެ އެންމެ ފުރަތަމަ ގުރޫޕު ބުދަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

މިއަހަރު އެންމެ ފުރަތަމަ އެނބުރި ގައުމަށް އައުމަށް ހަމަޖެހިފައިވަނީ ޒައީ ގްރޫޕުގެ ހައްޖާޖީންނެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެންމެ ފުރަތަމަ ހައްޖަށް ފުރާފައިވެސް ވަނީ ޒައީ ގްރޫޕުގެ ހައްޖުވެރިން ކަމަށެވެ.

އެއަށްފަހު އަންނަ އާދީއްތަ ދުވަހު ސިސިލްފަރު ހައްޖު އުމްރާ ގްރޫޕާއެކު ހައްޖަށް ދިޔަ ހައްޖާޖީން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖެހިގެން އަންނަ ދުވަހު އަލް ހަރަމައިން ހައްޖު އުމްރާ ގްރޫޕުގެ ހައްޖާޖީން ގައުމަށް އެނބުރި އައުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ބައެއް ދިވެހިން ގްރޫޕުތަކާ ވަކިވެ ގެއްލިފައިވާއިރު ގެއްލުނު މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެންތިބި ހުރިހާ މީހުން މިހާރު ވަނީ ހޯދިފައެވެ. ނަމަވެސް ޅ. ނައިފަރު އަބްދުއްލަތީ އަލީ ވަނީ އީދު ދުވަހުގެ ފަހުން އަދިވެސް އެއްވެސް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި އަބްދުއްލަތީފް އެދުވަހު ގޮސްފައިވަނީ އޭނާގެ މޯބައިލް ފޯނު ބާއްވާފައެވެ. އެހެންކަމުން އޭނާއާ ގުޅޭނެ އެއްވެސް ގޮތެއް ވެފައިނުވެއެވެ. ނަމަވެސް އޭނާ ހޯދުމަށް ސައުދީގެ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި ހައްޖު ކޯޕަރޭޝަނުގެ އޮފިޝަލުން ދިވެހި ދިދަ ހިފައިގެން މިނާގައި އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.