Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

މިޔަންމާރުން އދ ގެ އެހީތަކަށް ހުރަސް އަޅަނީ

އަނިޔާވެރިކަމުން ސަލާމަތްވުމަށް ގައުމު ދޫކޮށް މީހުން ދަނީ. ބައެއް މީހުން ކާނާއާ ނުލާ ހަތަރު ދުވަސް ހޭދަކޮށްފައިވޭ: ފޮޓޯ - ގެޓީ

މިޔަންމާރު ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ގައުމު ދޫކޮށް ގޮސްފައިވާ ރައްޔިތުންނަށް އ.ދ ގެ އިދާރާތަކުން ފޯރުކޮށްދިނުމަށް ދިޔަ ކާނާއާއި ބޭސް ފަރުވާއަށް ހުރަސް އަޅަމުންދާ ކަމަށް ގާޑިއަން އިން ރިޕޯޓުކޮށްފިއެވެ.

އ.ދ ގެ މިޔަންމާ އޮފީހުގެ ކޯޑިނޭޓަރު ބުނެފައިވަނީ އ.ދގެ އެހީގެ އޭޖެންސީތަކުން ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް ގެނައި ކާނާއާއި ފެން އަދި ބޭސް ދިނުމަށް މަސައްކަތް ކުރުމުން މިޔަންމާ ސިފައިން އެކަމަށް ހުރަސް އަޅައި، އެމީހުން ވެއްދުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ކޯޑިނޭޓަރު ބުނެފައިވާ ކަމަށާއި ރަޚީން ސްޓޭޓުގެ އެހެން ބައިތަކަށް އެހީ ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ބުނެފައިވެއެވެ.

ފާއިތުވެދިޔަ ދިހަ އަހަރުތެރޭގައި މިޔަންމާގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމުގައި މިޔަންމާގެ ހަތިޔާރު އެޅި ސިފައިން ވަނީ ރޮހިންގްޔާ މުސްލިމުންގެ ގަޔަށް ބަޑި ޖަހައި އެތައް ސަތޭކަ ބަޔަކު މަރާލާފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށް ބޭރުގެ ނޫސް އޭޖެންސީތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަންގްލަދޭޝްގެ ބޯޑަރު ކައިރިއަށް ދިޔަ އެތައް ހާސް ބަޔަކު ވަނީ ކާނާއާއި ބޯފެނަށް ޖެހި އިންސާނީ ހައްގުތަކުން މަޙްރޫމްވެފައެވެ.

އ.ދ ގެ އިތުރުން 16 އެންޖީއޯއިންވެސް ވަނީ ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަތިޔާރުއެޅި ސިފައިން ވަނީ އެމީހުންނަށް ހުރަސް އަޅާފައެވެ.