Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ކައުންސިލުން ދަތް އުނގުޅާ ބުރުސް ބަހަނީ!

އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ރައްޔިތުންނަށް ދަތް އުނގުޅާ ބުރުސް ބަހަން ފަށައިފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވަ ގޮތުގައި ކައުންސިލުން ބަހަން ފަށާފައިވާ ދަތް އުނގުޅާ ބުރުހަކީ ކައުންސިލް އިންތިހާބު ވުމުގެ ކުރިން ޗައިނާ އިން ހަދިޔާ ކޮށްފައިވާ ބުރުސްތަކެކެވެ. އަދި މި ބުރުސްތައް ނުބެހި ކައުންސިލްގައި ހުންނަތާ ތިން އަހަރެއްހާ ވެދާނެ އެވެ.

ކައުންސިލުން ބުނީ ޗައިނާ އިން ހަދިޔާ ކޮށްފައިވާ ބުރުސް ތައް ހުރީ ވަރަށް ފެންވަރު ރަނގަޅުކޮށް ބަންދު ކުރެވިފައި ކަމަށެވެ.

"އެ ބުރުސް ތައް ހުރީ ވަރަށް ކޮލެޓީ ޕެކިންގައި. އެހެންވެ އެއްވެސް މައްސަލައެއް ނުހުންނާނެ އޭގައި." ކައުންސިލަރަކު ވިދާޅުވި އެވެ.

ކައުންސިލުން ބުނީ މި ބުރުސްތައް ބެހުމަށްޓަކައި ބައެއް ސްކޫލްތަކަށް ފޮނުވިފައިވާ ކަމަށާއި ބޭނުން ވަނީ ވީ އެންމެ އަވަހަކަށް މި ބުރުސްތައް ބަހައި ނިންމުމަށެވެ.

"އަޅުގަނޑުމެން އަތުގައި ހުރި ގިނަ ބުރުސް ތަކަކީ ކުޑަކުދިންގެ ބުރުސްތައް، އެހެންވެ ސްކޫލްތަަކަށް މި ދިނީ ކުދިންނަށް ބަހަން، އަދަދަށް ބަލާ އިރު ކުއްޖަކަށް ދެ ބުރުސް ދެވޭ ވަރަަށް ހުންނާނެ." އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ބުނީ ބައެއް ސްކޫލްތަކުން މިހާރު ވެސް ދަތް އުނގުޅާ ބުރުސް ބަހަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް ވަނީ ބައެއް ސްކޫލްތަކުން މި ބުރުސް ބަހާފަ އެވެ.