Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

"ކުރެވުނުހާ ވެސް ކަމަކީ އެމްޑީޕީ ސަރުކާރުގެ މަސައްކަތް ނިންމުން"

ފަލާހް ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަނީ: ފޮޓޯ-ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރެވުނުހާވެސް ކަމަކީ އެމްޑީޕީގެ ސަރުކާރުގައި ރައީސް ނަޝީދު ފެއްޓެވި މަޝްރޫއުތައް ނިންމާލުން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވެފައިވަނީ ރައީސް ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނިކުމެ ވަޑައިގަތީ އެމަނިކުފާނުގެ އަމިއްލަ މެނިފެސްޓާއަކާ އެކީގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ދައުރު ނިމެން ކައިރިވެފައިވާއިރު މެނިފެސްޓޯގައި ބަޔާންކުރި އެއްވެސް ކަމެއް އެމަނިކުފާނަށް ހާސިލްވެފައިނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ނަމަވެސް އަދިވެސް ރައީސް ޔާމީނަށް ހެޔޮ ވެރިކަމެއް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ހެޔޮ މަގަށް ރުޖޫއަވެވަޑައިގަތުމަށް ފަލާހް ވަނީ ރައީސް ޔާމީނަށް ގޮވާލާފައެވެ. ވެރިކަމަށް އައުމަށްފަހު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވަން ތިއްބެވި ހުރިހާ ލީޑަރުން ޖަލަށް ލާފައިވާކަން ފަލާހް ވަނީ ފާހަގަކޮށްފައެވެ.

ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި ކާނަލް ނާޒިމަށް ނުހައްގުން އަދަބު ހުކުމް ކުރެއްވުމަކީ ދެވުނު އަދަބެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިވެރިކަމަށްފަހު ރައީސް ޔާމީން ދެން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައިފިނަމަ %5 ވޯޓުވެސް ލިބިވަޑައިނުގަންނަވާނެ ކަމަށާއި ރާއްޖޭގެ އާބާދީގެ %95 ރައްޔިތުން ތިބީ އެމަނިކުފާނާއި ދެކޮޅަށް ކަމަށް ފަލާހު ވިދާޅުވެފައިވެއެވެ.