ކޮރަޕްޝަނާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތައް ދައްކާގޮތުން ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ވަރަށް ބޮޑެވެ. އޭގެ ސަބަބުން އެންމެ ބޮޑު ހިތްދަތިކަމަކާއި އަދި ގެއްލުމެއް ކުރިމަތިވާ އެއް ބަޔަކީ އާއްމު ރައްޔިތުންނެވެ.
އެހެން ކަމުން ސިޔާސީ މީހުންގެ އެއްބާރުލުން ނުލިބުނަސް ފަރުދީ ފެންވަރުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮރަޕްޝަނާއި ދެކޮޅަށް ކުރަން މިވަނީ ޖެހިފައެވެ. ކޮންމެ ފަރުދަކު ވެސް އެމީހެއްގެ ޒިންމާ އެއް ކަމުގައި ދެކިގެން ކޮރަޕްޝަނުގެ މައްސަލަތައް ރިޕޯޓް ކުރަން ފަށަންވީއެވެ.
އެ މައްސަލަތައް ނުބެލޭ ވާހަކަ އާއި ނުބަލާ ވާހަކަ ދެއްކުމުގެ ކުރިން ކޮންމެ މީހަކު ވެސް އެމީހަކާއި އެންމެ ކައިރިން ފެންނަ ކޮރަޕްޝަނުގެ އަމަލެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަ ށް ރިޕޯޓް ކުރަން ފަށަންވީއެވެ.
އޭސީސީ އަށް ހުށަހެޅޭނީ ކޮންކަހަލަ މައްސަލަތަކެއް؟
އޭސީސީ އަށް ހުށަހެޅޭނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅުންހުރި މައްސަލަތަކެވެ. އާންމު ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ކާކުކަން ނޭނގޭ ގޮތަށް ވެސް އޭސީސީ އަށް މައްސަލަ ހުށަހެޅިދާނެއެވެ.
ރިޝްވަތުހިފުމާއި ރިޝްވަތު ދިނުމުގެ މައްސަލަތައް
މި ބާވަތުގެ މައްސަލަަކުގެ ތެރޭގައި ސަރުކާރުން ކުރާ ކަމަކާއި ގުޅިގެން ރިޝްވަތު ދިނުމާއި ހިފުމުގެ މައްސަލަތައް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރިޝްވަތު ހިފުމާއި ދިނުމުގެ މައްސަލަތައް ވެެސް އޭސީސީގެ ސަމާލުކަމަށް ގެނެސްދެވިދާނެއެވެ. އަދި ޝަރުޢީ ކޯޓެއްގެ ފަނޑިޔާރަކު ނުވަތަ ޤާޟީއަކު ނުވަތަ މެޖިސްޓްރޭޓަކު، ނުވަތަ ނިޔާކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ފަރާތަކުން ރިޝްވަތު ހިފުން ނުވަތަ ދިނުމުގެ އަމަލެއް ހިންގައިފި ކަމަށް ބެލެވޭ ނަމަ އެ މައްސަލަ ވެސް ހުށަހެޅިދާނެއެވެ.
މީގެ އިތުރުން އަމިއްލަ ފަރާތަކުން ނުވަތަ ސަރުކާރާ ބައިވެރިވާ ފަރާތަކުން ރިޝްވަތު ދިނުމާއި ހިފުމުގެ މައްސަލަތައް ވެސް އޭސީސީއަށް ރިޕޯޓް ކުރެވިދާނެއެވެ.
ސަރުކާރުގެ މުވައްޒަފުން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް
ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ކުންފުންޏެއްގެ މުވައްޒަފަކު މަގާމުގެ ބޭނުން ކޮށްގެން ނާޖައިޒު ފާއިދާއެއް ހޯދާ ކަމަށް ނުވަތަ އެހެން ބަޔަކަށް އެފަދަ މަންފާއެއް ހޯދުމުގައި އެހީތެރިވާކަން އެނގޭނަމަ އެފަދަ މައްސަލަތައް އޭސީސީ އަށް ހުށަހެޅޭނެއެވެ.
ރައްޔިތުންނަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުން އަދި އަމިއްލަ ފާއިދާއަށް ދައުލަތުގެ ތަކެތި ބޭނުންކުރުން
ރައްޔިތުންގެ ފާއިދާ އާއި ލާބައަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތަު ކުރިއަށް ނެރެގެން މަސައްކަތް ކުރުމުގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލަ އެކެވެ. ބައެއް ފަހަރަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ތިމާގެ އަނބިދަރިންނާއި ނުވަތަ އާއިލާގެ މީހުންގެ ކަންތައް ހަމަޖެއްސުން ފަދަ ކަންތައް ހިމެނެއެވެ. އަދި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރަމުން ގެންދެއެވެ. މިއިން އެއްވެސް ކަމެއް ހިނގާކަން ފާހަގަކުރެވޭ ނަމަ އެކަން އޭސީސީ އަށް ހުށަހެޅިދާނެއެވެ.
މާލިއްޔަތު ޤާނޫނާއި ޚިލާފަށް ޚިދުމަތާއި ތަކެތި ހޯދުން:
ދިވެހި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ޚިދުމަތާއި ތަކެތި ހޯދަން ޖެހޭނީ މާލިއްޔަތު ޤާނޫނާއި އެއްގޮތް ވާގޮތުގެ މަތިންނެވެ. މާލިއްޔަތު ޤާނޫނާއި ޚިލާފުވެ މުވައްޒަފު އޭނާއަށް ނުވަތަ އެހެން ބަޔަކަށް ނާޖައިޒު ފައިދާ އެއް ހޯދައިދޭން މަސައްކަތް ކުރާކަން ފާހަގަކުރެވޭ ނަމަ އެކަން އޭސީސީގެ ސަމާލުކަމަށް ގެނެވިދާނެއެވެ. މިސާލަކަށް އޮފީހެއްގެ ޕްރޮކިއުމެންޓް އޮފިސަރަކު އޭނާގެ އަމިއްލަ ވިޔަފާރިން އޮފީހަށް ބޭނުންވާ ހުރިހާ އެއްޗެއް ގަންނަމުން ގެންދާނަމަ އެ މައްސަލަ އޭސީސީއަށް ހުށަހެޅިދާނެއެވެ.
މީގެ އިތުރުން އުއްތަމަ ފަނޑީޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ ވަޒީރުން އަދި އެ ފެންވަރުގެ އެހެނިހެން ފަރާތްތަކާއި އަދި އޮޑިޓަރ ޖެނެރަލާއި، އަދި ކޮމިޝަނަރ އޮފް އިލެކްޝަނާއި، އަދި ހައިކޯޓުގެ ފަނޑިޔާރުންނާއި އަތޮޅުވެރިންނާއި ނުވަތަ އެއިން މީހެއްގެ އަންބިންނާއި ފިރމީހާއާއި އަދި ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހުންނާއި އެމީހުންގެ އަނބިންނާއި ފިރިމީހާ، ބިދޭސީއަކާއި ބައިވެރިވެގެން އަމިއްލަ ވިޔަފާރި ކުރުމުގެ މައްސަލަތައް ވެސް އޭސީސީ އަށް ހުށަހެޅި ދާނެއެވެ.
އޭސީސީ އަށް މައްސަލަ ހުށަހަޅާނީ ކިހިނެއް؟
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ހުށަހެޅުމަށްޓަކައި އެމީހަކު އެ އިދާރާގެ އޮފީހަށް ކޮންމެހެން ދާކަށް ނުޖެހޭނެއެވެ. ފޯނު މެދުވެރިކޮށް، ސިޓީއަކުން ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރިއްޔާއިން ވެސް މައްސަލަ ހުށަހެޅިދާނެއެވެ.
މީގެ އިތުރުން އޭސީސީގެ ވެބްސައިޓް މެދުވެރިކޮށް ވެސް ކޮރަޕްޝަނުގެ މައްސަލަތައް ހުށަހެޅޭނެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގައި އެ މައްސަލައެއް ހުށަހެޅި ފަރާތަކީ ކާކުކަން ނޭނގޭގޮތަށްވެސް މައްސަލަ ހުށަހެޅިދާނެއެވެ. ކޮރަޕްޝަނުގެ ޢަމަލަކާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދޭ ފަރާތެއް ވާނަމަ އެ ފަރާތަކީ ޤާނޫނުން ޙިމާޔަތް ދިނުމަށް ލާޒިމުކޮށްފައިވާ ފަރާތެކެވެ.
އަދި މަޢުލޫމާތެއް ދިން ފަރާތެއް ސިއްރުކުރަން އެދިއްޖެނަމަ ކޮންމެހެން އެނގެންޖެހޭ ފަރާތްތަކާއި އެ މައްސަލައެއްގައި ދަޢުވާކުރާ ނުވަތަ ޝަރީޢަތްކުރާ ފަރާތް ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް އެމީހަކީ ކާކުކަން އެނގޭ ފަދަ އެއްވެސް މަޢުލޫމާތެއް،އެމަޢުލޫމާތު ލިބޭ އެއްވެސް ފަރާތަކުން ހާމަކުރުމަކީ، އެކަންކުރާ ފަރާތް ކުށްވެރިވާނެ ޤާނޫނީ ކުށެކެވެ.
އެ ކުށުގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.